މާލޭގެ އިމާރާތެއްގެ މަތީން ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގައި ހައްޔަރު ކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުމުގައި ބާރުގެ ބޭނުންކޮށް ފުލުހުން ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި މ. ހަސްތީ، އުމުރުން 19 އަހަރުގެ އާއިޝަތު ޝިމަން އަހުމަދެވެ. މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުުލުހުން ބުނިގޮތުގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި ޝިމަންއާއި މަހުޒޫމްގެ ބަންދަށް ޖަހާފައި ވަނީ ތިން ދުވެހެވެ.
މިރޭ ދެ މީހުން ވެސް ދޫކޮށްލުމާއި އެކު ކާނިވާ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާއާއި ވަނީ ގުޅިފަ އެވެ.
މުޒާހަރާ ރޭ ރޫޅާލިއިރު، ޒުވާނުންތައް އަޑުއުފުލުމަށް ފަހު ދެން ފެނިގެން ދިޔައީ މަޖީދީ މަގުގެ މެދުގައި ޓީޓީ މޭޒާއި، ކެރަމް ބޯޑުތައް ބަހައްޓައި ކުޅެމުން ދިޔަ މަންޒަރެވެ. އަދި ބާރަށް ލަވަ ވެސް ޖަހާފައިވެ އެވެ.

