ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތުގެ ތެރެއިން، ހިނާމާގެ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ބަޔަކު އަތުލައިގެންފި އެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ޓާސްކް ފޯސްގެ އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާކޮށް އިމިގްރޭޝަނުން ބުނީ، ހީނާމާގެ ޕާކިންއަކީ އާންމުކޮށް ބިދޭސީން އެއްވާކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި އެތަން ބަލައި ފާސްކޮށް މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އިމިގްރޭޝަނުން ހީނާމާގެ މޮނީޓަރ ކުރަމުން ދާތީ މިފަހުން އެތަނަށް އެއްވާ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް މަދުވި އެވެ. އާންމުކޮށް ބިދޭސީން އެތަނަށް އެއްވަނީ އެއީ ބޮޑު ޕާކިން ސަރަހައްދެއްކަމަށްވާތީ މަސައްކަތެއް ހޯދުމަށެވެ. އަދި ސައިކަލުތައް ސާފު ކުރާ ސާމާނު ހިފައިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، ޑޮލަރުގެ ވިޔަފާރި ވެސް އެތަނުގައި ކުރެއެވެ.
އިމިގްރޭޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހީނާމާގެ ޕާކިންގައި އޮޕަރޭޝަނެއް ހިންގައި، 11 ބިދޭސީއަކު ބަލައި ފާސްކުރި ކަމަށެވެ. އަދި އޭގެ ތެރެއިން 04 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މިދިޔަ ހަފްތާގައި އިމިގްރޭޝަނުން ބިދޭސީން ދެން އެންމެ ގިނައިން އެއްވާކަމަށް ފާހަގަކުރެވިފައިވާ ޒިކުރާ މިސްކިތާއި ބޮނޑިބަތް ޕާކު ކައިރިން 35 ބިދޭސީއެއް ބަލައި ފާސްކޮށް 13 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މީގެއިތުރުން އިމިގްރޭޝަނުން އަތޮޅުތަކުގައި ވެސް ބޮޑެތި އޮޕަރޭޝަންތައް ހިންގާފައި ވެއެވެ. އެގޮތުން އެންމެ ފަހުން ރ. ދުވާފަރުގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް 51 ބިދޭސީއަކު ވަނީ ގެނެސްފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މަސައްކަތް ކުރަނީ އެގޮތަށް ގެނެވޭ ބިދޭސީން ވީހާވެސް އަވަހަށް ޑީޕޯޓުކޮށް ފުރުވާލުމަށެވެ. އަދި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގެ ޖާގަ އިތުރު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

