މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) ވެގެން ދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ގައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމްއައިއެފްސީ ގާއިމުކުރުމާއި ގުޅޭގޮތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޢިއްޒަތްތެރީންވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ހިންމަތާއި، އުފެއްދުންތެރިކަމާއި، ބަދަލުގެ ރޫޙުން ތަފްސީލުކޮށްދޭ، އާ ބާބެއްގެ ފެށުމެވެ. އެމްއައިއެފްސީ ތައާރަފުކޮށްދެއްވަމުން ރައީސް މުއިއްޒު އެ މަރުކަޒު ސިފަ ކުރައްވާފައިވަނީ، ފުރުސަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިގްތިސާދު ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ. އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ޙަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަގުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ. ދިވެހިން މި އާދަޔާ ހިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަގީންކަމާއިއެކު، އީޖާބީ ވިސްނުމެއްގައިކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ޤައުމެއް ނޫންކަމަށާއި، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ ”ސްމާޓް ޖަޒީރާ ޤައުމެއް“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްއައިއެފްސީއިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އަދި އެއީ ޤައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރެވިފައިވާހިނދު، ސިނާޢީގޮތުން ހުރި ފުރުޞަތުތަކަށް ހަލުވި ދުވެލީގައި ވާޞިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ހިއްސާކުރައްވާފައިވަނީ، އެމް.އައި.އެފް.ސީގެ އެހީގައި މުޖުތަމަޢަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުޞަތުތައް އުފެދިގެންދާނޭކަމުގެ ތަސައްވުރެކެވެ.
މި ރަސްމިއްޔާތުގައި، އެމް.އައި.އެފް.ސީ ޤާއިމުކުރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަމަން، މަރްވާން އަލްހަޖޭރީ އެވެ. އަދި ރައީސް ވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

