ސްކޫލްތަކުގެ މަޝްރޫޢުތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ، ތަޢުލީމީ ދާއިރާގެ މަޝްރޫޢުތައް ރޭވިފައިވާ ގޮތުގެ މަތިން ކުރިއަށްދާކަމަށެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކާ އެއްގޮތަށް، އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، ”ކޫލް ސްކޫލް“ މަޝްރޫޢު އަދި އެހެނިހެން ޕްރޮގްރާމްތައް ތަންފީޒުކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތުން ”ކޫލް ސްކޫލް އޭސީ މަޝްރޫޢު“ ގެ ދަށުން، ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ގިނަ ސްކޫލުތަކުގެ ކަރަންޓު ވިއުގައިގެ މައްސަލަ ދިމާވާކަމަށާއި، އޭގެ ތެރެއިން ބައެއް ސްކޫލުތަކަކީ 30 އަހަރާއި 40 އަހަރު ވެފައިވާ ސްކޫލްތައްކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ކިޔަވައިދިނުމުގެ މަސައްކަތަށް ބުރޫއަރާފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް މި މަޝްރޫޢުގެ ތެރެއިން ނޫނަސް ޙައްލުކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެޑިޔުކޭޝަން މިނިސްޓްރީން ކުރީގެ ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ފިޔަވައި އެހެން ހުރިހާ ފައިސާއެއްވަނީ ދައްކާ ނިންމާފައެވެ.

