ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގެ ޝަރީއަތް ލަސްވެ، އެކަމުގެ ފަހަތުގައި ތިބި މީހުން އަހަރުތަކެއް ފަހުން ވެސް ހޯދިފައި ނުވާތީ ކަންބޮޑުވާކަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
މައްސަލައަށް އިންސާފެއް ނުލިބި ހަތަރު އަހަރުވެގެން ދިޔައިރު، މިހާތަނަށް ދައުވާ އުފުލައި ކުށް ސާބިތުވެފައި ވަނީ އައިއީޑީ ގޮއްވާލިކަމަށް އެއްބަސްވި އަދުހަމްގެ މައްޗަށް އެކަންޏެވެ. އޭގެ ފަހުން ޝަރީއަތްތައް ވަރަށް ބޮޑަށް މަޑުޖެހި، މުޅި މައްސަލައިގެ އަސްލާއި ހަމައަށް ވާސިލު ނުވެވުވާއި އަދި ހަމާލާގެ އަޑީގައި ތިބެ ފަންޑު ކުރީ ކޮން ބައެއްކަން ނޭނގުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު، ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނަށް ފާރަލައިގެންކަމަށް ތަހުގީގަށް ވަނީ ހޯދިފަ އެވެ. އަދި އޭގެ ކުރިން ވެސް އެމަނިކުފާނަށް ހަމަލާ ދިނުމަށް އައިއީޑީއެއް ގޮވާލަން ރާވައި، އަނިޔާ ދިނުމަށް މަސައްކަތް ކުރިން ވަނީ ހާމަވެފަ އެވެ. އެހެން ނަމަވެސް އެ މައުލޫމާތުތައް ފުލުހުންނާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް އެނގިފައި ނެތުމުން ބޮޑެތި ސުވާލުތައް ވެސް އުފެދުނެވެ.
ޑިމޮކްރެޓްސްގެ ފަރާތުން އާންމު ކުރި ބަޔާނުގައި ވެސް ވަނީ، އަހަރަކަށް ފަހު އަހަރެއް ފާއިތުވެ ދާއިރު ރައީސް ނަޝީދަށް މިއަދާއި ހަމައަށް ވެސް އިންސާފު ލިބިފައި ނުވާކަމަށެވެ. އަދި ހަމަލާ ދިންކަމަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި އިތުރު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވިފައި ނުވާކަމަށް ފާހަގަކުރި އެވެ.
ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ އަޑީގައި ތިބީ ކޮން ބައެއްކަން ތަހުގީގީ އިދާރާތަކަށް އަދިވެސް ނުހޯދޭ ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު މައުލޫމާތުތަކެއް ލިބިފައިވާކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން މިދިޔަ އަހަރު އޮތް މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވުމަށް ފަހު، އޭގެ ފަހުން އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވާކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ މީގެ އަހަރެއް ކުރިން ޣައްސާން ވިދާޅުވި ވާހަކައާއި ގުޅިގެން ބަލަމުން ގެންދަނީ ކޮން ކަންތައްތަކެއްތޯ އާއި، މުވައްސަސާތަކުން އެޅި ފިޔަވަޅުތަކަކީ ކޮބައިކަން ނޭނގޭ ކަމަށެވެ.
މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއްކަމަށް ވިޔަސް، އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު، އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށަކަށްވާއިރު، މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. އަދި މި މައްސަލާގައި އިންސާފު ގާއިމު ނުކުރެވި އޮތުމުގެ އަސްލަކީ އެއީކަމަށް ދެކޭކަމަށް ވެއެވެ.
މީގެއިތުރުން ޑިމޮކްރެޓްސްއިން ބުނީ ރައީސް ނަޝީދަށް ހަމަލާ ރައްދުކުރުމުގެ ކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިގެންސަށް ލިބިފައިވާކަން އިންކްއަރީ ރިޕޯޓްގައި ވާކަމަށެވެ. އަދި ޓެރަރިސްޓް އެ ހަމަލާ އެމަނިކުފާނަށް އަމާޒުކޮށްފައި ވަނީ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށްކަން ފާހަގަކުރި އެވެ.
މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއްކަމަށް ވިޔަސް، އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު، އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށަކަށްވާއިރު، މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާކަމަށް ދެކެމެވެ. މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިވާވުމުގެ އަސްލަކީ ވެސް މިއީކަމުގައި ދެކެމެވެ. ރައީސް މުޙައްމަދު ނަޝީދަށް މި ހަމަލާ ރައްދުކުރުމުގެ ކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިގެންސަށް ލިބިފައިވާކަން އިންކްއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޓެރަރިސްޓް މި ހަމަލާ އެމަނިކުފާނަށް އަމާޒުކޮށްފައިވަނީ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށެވެ.
ބަޔާނުގައި ވަނީ މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ސީރިއަސް ބޮޑެތި ޒަހަމްތައް ލިބި، 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް ބުނެފަ އެވެ. އޭގެ ފަހުން ރާއްޖެއިން ބޭރަށް ގެންގޮސް ވެސް ފަރުވާ ދީ ސާޖަރީތައް ކުރަން ޖެހުނުކަމަށް ވަނީ ބުނެފަ އެވެ.
ޑިމޮކްރެޓްސް ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ. އަދި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލި އެވެ.
އެމްޑީޕީގެ އެތެރޭގައި ދެބައިވުން އުފެދިގެން އައި އިރު، ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓީއަށް ހަމަލާގެ ހަގީގަތް ފޮރުވަން އުޅޭކަމުގެ ތުހުމަތު ކުރި އެވެ. އަދި ޕާޓީ ވެރިކަމުގައި އޮވެމެ، މި މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑާއި ގާތަށް ވެސް ޝަރީއަތްތައް ކުރިޔަށް ގޮސްފައި ނުވާކެމަށް ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅަށް ކުރިޔަށް ގެންގޮސް އިންސާފު ހޯދައިދޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ޣައްސާން ވެސް ވަނީ އެ ހަމަލާގެ އައު ހުށަހެޅި އެވެ.
ޑިފެންސް މިނިސްޓަރ ޣައްސާނަކީ، ހަމަލާގެ މައްސަލައިގައި އޭރު މުވައްސަސާތަކާއި ކަމާއި ގުޅުން ހުރި ފަރާތްތައް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ 241 ކޮމިޓީގައި މިދިޔަ ދައުރުގައި ހުންނެވި މެމްބަރެކެވެ.

