ބޮޑުރަސްގެފާނު މަގުން ފިލައިގެން ދިޔަ ޕިކަޕަކުން މަގުމައްޗަށް ދޫކޮށްފައި ދިޔަ ކަޅު ކުލައިގެ ތިން ކޮތަޅަކުން، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ 221 ކާޓަންގެ ސިނގިރޭޓު ފުލުހުން ހޯދާފިއެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ހާމަވެގެން އައީ ފުލުހުން ރާއްޖޭގައި ހިންގަމުންދާ ވަގު ސިނގިރޭޓު އެތެރެކުރުމާއި ވިއްކުމުގެ މައްސަލަތަކާ ގުޅޭ ތަޙުޤީޤުތަކުގެ ތެރެއިންނެވެ. މިގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި 40 ފޫޓުގެ ދެ ކޮންޓެއިނަރަކުން 1،360 ކޭސް ސިނގިރޭޓު ފެނުނެވެ. މިއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓު ސްޓިކެވެ. މި ސިނގިރޭޓުތަކުގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 19 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސިއްރުން އެތެރެކުރަން އުޅުނު 130،155 ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. އަދި ޖެނުއަރީ 31 ވަނަ ދުވަހު މާލޭގައި ސިނގިރޭޓު އުފައްދަމުންދިޔަ ކަމަށް ބެލެވޭ ތަނަކުން 103 ފޮށިގަނޑު ފުލުހުން ވަނީ އަތުލައިގަނެފައެވެ.
ފާއިތުވި ފެބްރުއަރީ މަހު، ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޮންޑެޑް ވެއަރހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙުޤީޤުކޮށް، އެ ދެ ވެއަރހައުސްގެ ރަޖިސްޓްރީ ވަނީ ބާޠިލުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މުދަލަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ މައްސަލަތައް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.

