ދެކުނު އޭޝިޔާގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޕްރޮގްރާމުގެ ދަށުން އިންޑިއާގެ ނޭވީ މަނަވަރު ”އައިއޯއެސް ސާގަރް“ މިއަދު ވަނީ ރާއްޖެއަށް އައިސް ބަނދަރުކޮށްފައެވެ. މި ޕްރޮގްރާމުގައި އިންޑިއާ ހިމެނޭގޮތަށް ޖުމުލަ 10 ގައުމެއް ބައިވެރިވެއެވެ.
މަނަވަރު ރާއްޖެ އައުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހި ކޯސްޓްގާޑްގެ ފަރާތުން ވަނީ އިންޑިއާގެ ނޭވީއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ”އައިއޯއެސް ސާގަރް“ ގެ ކޮމާންޑިންގ އޮފިސަރ، ކޮމާންޑަރ ކަމަލްސިންގ ރާނާ ވިދާޅުވި ގޮތުގައި އެ މަނަވަރުގައި 44 ބޭރު ގައުމުތަކުގެ ކްރޫއިން ހިމެނެއެވެ.
ކޮމާންޑަރ ރާނާ އިތުރަށް ވިދާޅުވި ގޮތުގައި މަނަވަރުގެ ކްރޫގައި 9 ގައުމަކުން 12 އޮފިސަރުންނާއި 32 ސެއިލަރުން ހިމެނެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން 1 އޮފިސަރަކާއި 3 ސެއިލަރުން ހިމެނެއެވެ. އަދި ރާއްޖެއަށް އައުމުގެ ކުރިން މަނަވަރު ވަނީ އިންޑިއާ، ޓެންޒޭނިޔާ، މޮޒަމްބިކް، މޮރިޝަސް އަދި ސީޝެލްސްގެ ބަނދަރުތަކަށް ޒިޔާރަތްކޮށްފައެވެ.
”ދަތުރުތަކުގެ ތަޖުރިބާ ވަރަށް ރަނގަޅު. ޕްރޮގްރާމްގައި ބައިވެރިވި ގިނަ އަދަދެއްގެ ސިފައިން ތަމްރީން ހާސިލްކުރީ އިންޑިއާއިން ކަމަށްވާތީ މަސައްކަތް ކުރުމަށްވެސް ފަސޭހަވެގެން ދިޔަ،“ ކޮމާންޑަރ ރާނާ ވިދާޅުވިއެވެ.
”އައިއޯއެސް ސާގަރް“ ގެ ބައިވެރިން މާލެ ސަރަހައްދުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރުމަށްފަހު، އެ ދަތުރު ނިންމާލުމަށް މަނަވަރު ދާނީ އިންޑިއާގެ ކޮޗިންއަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ އެހެން ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، ކޮމޮރޮސް، ކެންޔާ އަދި މަޑަގަސްކަރ ހިމެނެއެވެ.

