ދިވެހިރާއްޖެ ޕްރިމިއާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި އުރީދޫއާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އުރީދޫ ގްރޫޕުގެ ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކާޒްމީ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން، އުރީދޫގެ ބައިނަލްއަގްވާމީ ވިއުގައިގެ ބޭނުން ހިފައިގެން، އޭޝިއާ، މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ސަރަހައްދުތަކަށް ދިވެހިރާއްޖެ މާކެޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އެމްއެމްޕީއާރްސީން ފާހަގަކުރިގޮތުގައި މިއީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އެހީތެރިވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިފައިވާ ސްޓްރެޓެޖިކް ޕާޓްނާޝިޕެކެވެ.
ދިވެހިރާއްޖެ ދުނިޔޭގެ މަޝްހޫރު ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ފަހުން ޗައިނާގެ މީޑިއާ ޓީމެއް ރާއްޖެއަށް ގެނެސް، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، މެދުއިރުމަތީގައި ލިވަޕޫލް އެފްސީއާ ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ވަނީ ފަށާފައެވެ.

