”ވާނުވާ ބަންދު“ ގައި ތިބި މީހުންނާއި ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމުގައި އެބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ސަރުކާރުން އެމައްސަލައަށް ޙައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގައި އެބޭފުޅުންގެ ހުރި ޚިޔާލުތައް ޙިއްޞާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އެބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދެއްވުމަށް ފެންނަކަމަށް ފާހަގަކުރިއެވެ. އަދި އެފަދަ މީހުންގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ފާހަގަކޯށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުޞޫލުތައްވެސް ފާހަގަކޮށް އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކުރިކަމަށް ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމުގައެވެ. އަދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކޮށް، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންވަނީ އެމައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ޙައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސްއަށް ހުށަހަޅުއްވާފައެވެ. މި ކަރުދާހުގައި ”ވާނުވާ ބަންދު“ ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

