ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލަސީމިއާ ކުދީންނަށްޓަކައި ވީވައުދުތައް ހަގީގަތަކަށް ހަދައިދޭނަން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ތެރޭގައި ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރެއްވި ވައުދުފުޅުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ޚިތާބު ފައްޓަވަމުން ރައީސް ވިދާޅުވީ، ތެލަސީމިއާ ދުވަސް ފާހަގަކުރާއިރު، އެމަނިކުފާނުގެ ހެޔޮ ދުޢާތަކާއި، ހިތުގެ އިޚްލާޞްތެރި ކުލުނާއި ލޯބި ވަނީ، ތެލަސީމިއާގެ އުނދަގޫތައް ތަޙައްމަލު ކުރަމުންދާ ކުދީންނާއި ޢާއިލާތަކާ އެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު، ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އެގޮތުން އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލަސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ތެލަސީމިއާ ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުވެސް ދުވާލާއި ރޭގަނޑު އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެ ކަމަށެވެ. އެކުދިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، އެކުދިންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމްދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން ސާބިތުކޮށްދޭން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރެއްވި ވައުދުފުޅުތައް ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން ސަރުކާރުން މިކުރާ މަސައްކަތުން ނަތީޖާތަކެއް ނެރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރެއްވި ތަޞައްވުރާއި، ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދޭނަމެވެ. ތެލަސީމިއާ ކުދީންނާއި ޢާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަމެވެ.

މީގެ އިތުރުން، ދިވެހީންނަކީ އިޙްސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ހަމައެއާއެކު، އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމާއި، އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއް ކަމަށެވެ. އެގޮތުން ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ ޢަމަލެއް ކަމަށާއި، އެ ކުދީންގެ ފުރާނައިގެ ޙައްޤުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާކަމަށް ރައީސް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 900 އަށްވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރެޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށްވާއިރު ސަރުކާރުންވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް ދޭ ހިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މި ދައުރުގެ ތެރޭގައި ކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކުރެވޭ އެއް ހިދުމަތަކީ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށްޓަކައި ބޭނުންވާ މީހުން ބޭރަށް ފޮނުވައި ސިއްހީ ކަންކަން ހަމަޖައްސައިދިނުމެވެ. މިހާރު އެންމެ ފުރަތަމަ ފޮނުވި ޕޭޝަންޓުން އެ ހިދުމަތް ލިބިގަތުމަށްފަހު އައިސްފައިވާއިރު ބޯން މެރޯ ހެދުމަށް 40 ވަރަކަށް ކުދިން ލިސްޓުކޮށްފައިވާކަން މައުލޫމާތުތަކުން އެނގެއެވެ. މިކަން ފުރިހަމަކުރުމުގެ ގޮތުން 56 މިލިއަން ވަރަކަށް ރުފިޔާ ހޭދަވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: