ސިފައިންނާއި ހަވާލުކޮށްގެން ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާއި ހަވާކުލޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ތެލެސީމިއާ ސެންޓަރަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާފައެވެ. މާޗު މަހުގެ 23 ވަނަ ދުވަހު ރައީސް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ ގިނަ ކަނބޮޑުވުންތަކެއް ފެންމަތިވެެގެންނެވެ. އެގޮތުން މި މައްސަލައަކީ އެމްބީއެސްއިން ލިބެންޖެހޭ ބޭސް ނުލިބުމާއި، ލޭ ހޯދުން އުނދަގުވެފައިވާއިރުވެސް، ފިލްޓަރުތައް ހަލާކުވެ ލޭ ޕެކެޓު އުކާލަން ޖެހުންމެވެ. އަދި މިމައްސަލައާއި ގުޅިގެން އާއްމުންދަނީ ސޯޝަލް މީޑިއާގައިވެސް އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެމްބީސީއެއްގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ބައެއް މީހުންނާއިއެކު އެތަނުގެ މެނޭޖްމެންޓުން މަޝްވަރާ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައިވެސް އާއްމުން ދިޔައީ ވެރިންގެ އިސްތިއުފާއަށް ގޮވަމުންނެވެ.
އެ ސެންޓަރަށް ރައީސް ވަޑައިގެން ވަނީ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހާލަތު ބައްލަވާލައްވައިފައެވެ. އެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވުމަށް ފަހު އެކަންކަން ހައްލު ކުރަން ކަމާ ބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްތައް ވަގުތުން ފެއްޓެވިއެވެ. އަދި އެ ވަގުތު އެ ސެންޓަރުން ފަރުވާ ހޯދަމުން ދިޔަ މީހުންނާއި އެ މީހުންގެ އާއިލާތަކާ ބައްދަލު ކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް ވެސް ވަނީ އަޑު އައްސަވާފައެވެ. ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެމްބީއެސްގެ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ އޮރެންޖު ހިޔާއަށް ވަޑައިގެން ތަނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ސްޓްރަކްޗަރ ހުންނާނެ ގޮތް އަދި ކުރެހުންތައް އެމަނިކުފާނު ބައްލަވާލެއްވި ކަމަށެވެ. އަދި ތަނުގެ މަސައްކަތް މިހާރު ރޭވިފައި ހުންނާނީ ހުރިހާ ވަސީލަތްތަކާއި އެކު ޖާގައިގެ ގޮތުން ތަނަވަސްކޮށްކަމުގައި ރައީސް ވިދާޅުވިއެވެ.
އަހަރުތަކެއް ވަންދެން ބޭނުން ކުރަމުން އައި ތެލެސީމިއާ ސެންޓަރުގެ މިހާރުގެ ހާލަތު ހުރި ގޮތުން، ބޭނުންވާ ބައެއް ތަކެތި ބެހެއްޓޭނެ ގޮތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވި ތަން ބޭނުން ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުން ވެސް އެކުގައި ތިބޭ ގޮތަށްކަމުން ތަނުގެ މާހައުލު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އިންޓީރިއާއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިކަމަށް ފެންނާތީ އެކަމަށް ވެސް ސަމާލުކަން ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އޮރެންޖު ހިޔާގެ މަސައްކަތް ހުއްޓިފައި އޮތުމާއިއެކު ރައީސް އެމަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ހަވާލުކުރެއްވީ ސިފައިންނަށް ގައުމީ މަސައްކަތެއްގެ ގޮތުގައެވެ. އަދި އެތަން ވީހާވެސް އަވަހަށް ނިންމާ ހިދުމަތްތައް ބަދަލު ކުރުމަށް ވަނީ ތައްޔާރުވެފައެވެ. މިހާރު ނިންމާފައިވާ އޮރެންޖު ހިޔާގެ މަސައްކަތަށް ބަލާއިރު އެތަނުގައި ވޯޑުތައް ވަނީ ވަކިކޮށްފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވަކިން ތިބޭ ގޮތަށް ވޯޑު ތައް ބަދަލުކޮށް ވެއިޓިންގ އޭރިއާތައް ބަހައްތާއި ޖާގައިގެ ގޮތުން ތަނަވަސް އަދި މެޝިނަރީތައް ބެހެއްޓޭނެ ގޮތަށް އެތަން ވަނީ ނިންމާފައެވެ.
އޮރެންޖު ހިޔާއަށް ހިދުމަތްތައް އެއްކޮށް ބަދަލުކުރުމާއިއެކު ބަހުގެ ހިދުމަތް އެތަނަށް ތައާރަފް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތެލެސީމިއާގެ ފަރުވާ ހޯދާ ފަރާތްތަކަށް ފަސޭހައިން ކަންކަން މަގުފަހިވާނެ ގޮތަކަށް އެކި ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

