މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވްސް ބްލަޑް ސާވިސަަސް(އެމްބީއެސް) ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ލިބިގަތުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭގޮތުން “ ރައްޔިތުންނާއި އެކު“ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިކަމުގެ ތެރޭގައި ފާހަގަކުރެވިފައިވާ ގިނަ މައްސަލަތަކެއް ހުރިއިރު އެކަންކަމަށް ދާއިމީ ހައްލުތަކެއް ސަރުކާރަށް ގެނެސްދެވޭނެކަމަށާއި މިހާރުވެސް ހައްލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ހައްލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވާނީ ތެލަސީމިއާ ޕޭޝަންޓުންގެ ހިޔާލާއި މަޝްވަރާވެސް ހިމެނޭ ގޮތަށްކަމަށާއި ތެލަސީމީއާ ދުވަސް ފާހަގަކުރަމުންދާއިރު ދެއްވަން އޮތް އެންމެ މުހިންމު މެސެޖަކީ އެއީކަން ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، މީގެ ކުރިން ޕޭޝަންޓުންނަށް ދަތި އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާންޖެހުނުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޕޭޝަންޓުންގެ ތެރޭގައި އެކި ދާއިރާތަކުން ތައުލީމު ހާސިލުކޮށް ހިދުމަތް ކުރަމުންދާ ކުދިންވެސް ތިބިކަމަށެވެ.
އެހެންކަމުން ދާއިމީ ރަނގަޅު ހައްލެއް ލިބިގެންދާނީ އެ ކުދިންގެވެސް ހިޔާލާއި މަޝްވަރާ އަދި ބައިވެރިވުންވެސް އޮވެގެން ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދިއުމުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ރައީސް ވިދާޅުވީ، ޕޮޑްކާސްޓްގެ މަސައްކަތްތައް ފެށުނު ދުވަސްވަރު ތެލަސީމިއާ ސެންޓަރަށް ޒިއާރަތްކޮށް ކަންކަން ބަލާ ޕޭޝަންޓުންނާއި ބައްދަލުކުރެއްވިކަމަށެވެ. އަދި އެއަށްފަހު ހައްލުތަކެއް ގެނައުމުގެ މަސައްކަތްތައް ފެއްޓެވިއިރު މިއަދާއި ހިސާބަށް އައިއިރު އެކަންކަމުގެ ތެރެއިން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އޭގެން އެއް ކަމަކީ މާލޭގައި ހިންގަމުންދިޔަ ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ހުޅުމާލޭގެ އޮރެންޖް ހިޔާ އިމާރާތަށް ބަދަލުކުރުންކަމަށެވެ. އަދި އެހިސާބަށް ވާސިލުވެވުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންކަމަށާއި އެތަނަކީ ވަރަށް ޖާގަ ބޮޑު ތަނެއް ކަމަށްވާއިރު އެތަނުގެ މަސައްކަތްތައް ނިންމުމަށްޓަކައި ރާއްޖޭގެ ސިފައިންވަނީ ރެޔާއި ދުވާލު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށް މައުލޫމާތު ދެއްވިއެވެ.
ރައީސް ވިދާޅުވީ، އޮރެންޖް ހިޔާގައި ޖާގައިގެ އިތުރުން ވަސީލަތްތައްވެސް ރަނގަޅުވާނެކަމަށާއި ކުރިއަށް އޮތްތަނުގައި އެތަނަށް އިތުރު ވަސީލަތްތައްވެސް ހަމަޖައްސަވައިދެއްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބަޖެޓު ހަމަޖެއްސުމުގައި ބޭނުންވާ ހުރިހާ އެޕްރޫވަލްއެއް ދެއްވާފައިވާކަމަށާއި ހައްލުތަކެއް ގެނައުމަށްޓަކައި ބޭނުންވާ ހުރިހާ ތަކެއްޗެއް ހޯދައިދިނުމަށް އަންގަވާފައިވާނެކަމަށެވެ.
ރައީސް ވިދާޅުވީ، އިތުރު މައްސަލަތަކަށްވެސް ހައްލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށާއި އޭގެ ތެރޭގައި ނަރުހުން އިތުރުކުރުމާއި މުޅި ތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުންވެސް ހިމެނޭކަމަށެވެ. އެގޮތުން 12 ވަރަކަށް މުއައްޒަފުން ނެގުމަށް ހުއްދަ ލިބި އެ މަސައްކަތްތައް ކުރެވެމުންދާކަމަެވެ. އަދި އެންމެ މުހިންމު ބަދަލެއްގެ ގޮތުގައި ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށްޓަކައި ގަޑިތައް ފަދަ އޮޕަރޭޝަނަލް ކަންކަން ބަދަލުކުރެވިގެން ދިއުންވެސް މުހިންމުކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެމްބީއެސް ބަދަލުކުރައްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ހޮސްޕިޓަލެއްގެ ގޮތުގައި ތަން ހިންގުމަށްޓަކައި ކުރެވެންޖެހޭ މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި ޕޭޝަންޓުންގެ ފަރާތުން އެ ހިޔާލު ލިބިވަޑައިގެންނެވިއިރު އަމިއްލަފުޅަށް ވިސްނެވުމުންވެސް އެކަމަކީ ކުރައްވަން ޖެހޭ ކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

