ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެއިޓަރުގެ މަރު: ޙަމަލާ ހުއްޓުވަން މަސައްކަތްކުރި މީހާގެ ހެކިބަހުގެ ތަރުޖަމާ ކަށަވަރުކުރަނީ!

ޕާކިސްތާނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ ޕާކިސްތާނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، އާބިދުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރިކަމުގެ ދައުވާއެވެ.

މަރާލާފައިވާ ބަންގްލަދޭޝް މީހާއަކީ ޚާންޖީ ކެފޭގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވެފައިވަނީ ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އާބިދު ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ހިނގި ދެބަސްވުމެއްގެ ތެރޭގައެވެ.

ބުރާސްފަތި ދުވަހުގެ މި އަޑުއެހުމަކީ ޝަރީއަތުން ސާފުކުރަން ހުރި ކަންކަން ސާފު ކުރުމަށްޓަކައި ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ޝަރީއަތުން ވަނީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގައި ހުރި މައިގަނޑު ތަފާތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޙަވާލާދީއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ވާހަކައެވެ. އަދި 6 ވަނަ މާއްދާގައި ހިމެނެނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި އެކަމުގެ ސަބަބުން މީހަކު މަރުވުމުގެ ވާހަކައެވެ.

  1. 5 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙައްޤަކާ ނުލައި މީހަކު މަރައިފިނަމަ ޤަޞްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ.
  2. 6 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ މާރާމާރީ ހިންގި މީހާ އެ ކުރަނީ ކުށެކެވެ.

އެ ދެ މާއްދާގެ ތަފާތަކީ 5 ވަނަ މާއްދާގައި ގަސްތުގެ ވާހަކަ އޮތުންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ދައުލަތުން ދެކޭ ގޮތުގައި އާބިދު ޙަމަލާދިނީ އެކަމުގެ ގަސްތު އޮވެގެންނެވެ.

އެހެންނަމަވެސް، މި އަމަލު އާބިދު ހިންގީ ދުރާލާ ރާވައިގެންކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެފަދަ ހެއްކެއް ނެތް ނަމަވެސް، އޭނާ އެ އަމަލުކުރަނީ އަމަލުގެ ނަތީޖާ އެނގިގެންކަމަށް ބެލެވޭނެ 3 ޙާލަތު މި މައްސަލައިގައި ފުރިހަމަވާ ކަމަށެވެ. އެގޮތުން މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ޙަމަލާދޭއިރު، އެއީ މީހަކު މަރާލެވޭނެ ބާވަތުގެ އަމަލެއްކަން އޭނާއަށް އެނގޭނެކަމަށް ދައުލަތުން ދެކެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާ ސީދާ ޝަމީމަށް ބޮލާ ދިމާއަށް ޙަމަލާދޭން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެ ޙަމަލާ އަމާޒުވީ ޝަމީމްގެ މެޔަށް ކަމަށެވެ. އެހެންކަމުން އޭނާގެ ނިޔަތް އޮތްކަމަށް ބެލެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އާބިދުގެ ފަރާތުން ބުނެފައިވަނީ އޭނާ ވަޅި ހޫރާލީ ޝަމީމް މާރާމާރީ ހިންގާތީ، އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭ ކަމަށާއި، ޤަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާކަމަށް އޭނާ ބުނެއެވެ.

އެހެންނަމަވެސް އޭނާ ނަފްސުގެ ދިފާއުގައި އެތަނުން ދެވެންވެސް އޮތް ކަމަށާއި، އޭނާއަށް އެހެން މީހުންގެ އެހީތެރިކަމަށްވެސް އެދެވެން އޮތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އޭނާ ޙަމަލާ ދިން ވަގުތުގައިވެސް އެދެމީހުންގެ މާރާމާރީ ހުއްޓުވުމަށް ދެމީހުންގެ މެދުގައި ހަމީދު ކިޔާ މީހެއް ހުރިކަމަށް ދައުލަތުން ބުނެއެވެ.

އެކަމާ ގުޅޭގޮތުން ދިފާއުން ބުނީ، މެދުގައިހުރި މީހާއަށް ޙަމަލާ އަމާޒުނުވެ، ޝަމީމަށް ޙަމަލާ އަމާޒުވި ގޮތެއް ދައުލަތުން އިތުރަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އާބިދު ޝަމީމްގެ މޫނަށް ޙަމަލާ ދިން ތަން ފެނުނުކަމަށް އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައިނުވާކަންވެސް ދިފާއުން ފާހަގަ ކުރެއެވެ.

މި އަޑުއެހުމުގައި އާބިދުވެސް ވާހަކަ ދައްކާފައިވާއިރު، އާބިދު ވަނީ އޭނާއާ ޝަމީމާ ދެމީހުންގެ މެދުގައި ހުރި ޙަމީދު ދިން ހެކިބަސް ތަރުޖަމާ ކުރުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކޮށްފައެވެ. އެގޮތުން އާބިދު ޖެހި މަންޒަރު ފެނުނުކަމަށް ހެކިވެރިޔާ ބުނެފައިވޭތޯ ނުވަތަ ނޫންތޯ އާބިދުގެ ފަރާތުން ވަނީ ސުވާލު އުފައްދާފައެވެ.

އެހެންކަމުން މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހަމީދު ދީފައިވާ ބަޔާނުގެ ވީޑިއޯ އޮތްތޯ ފުލުހުންގެ ފަރާތުން ސާފުކުރުމަށްފަހު ހިއްސާކުރުމަށް ޝަރީއަތުން ވަނީ އެދިފައެވެ. އަދި އެހެން ތަރުޖަމާނެއްގެ ބަސް ހޯދައި، ތަހުގީގާއި ޝަރީއަތުގައި ތަރުޖަމާ ކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

ގާޒީ ވިދާޅުވީ، މިއީ މީހެއްގެ ދިރިހުރުމާ މަރާ ގުޅިފައިވާ މައްސަލައަކަށްވާއިރު، ހެކިބަސް ތަރުޖަމާ ކުރެވިފައިވަނީ އެންމެ ރަނގަޅަށްތޯ އިތުރަށް ކަށަވަރު ކުރަންޖެހޭނެކަމަށެވެ.  އަދި މި މައްސަލައިގައި ގޮތެއް ކަނޑައަޅުއްވާނީ އެކަންކަން ކަށަވަރު ކުރެއްވުމަށްފަހުކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މިއީ މަރުގެ މައްސަލައެއްގައި އެންމެ އަވަހަށް ޝަރީއަތް ކުރެވޭ އެއް މައްސަލައެވެ. އެގޮތުން މި މައްސަލައިގައި 7 މަސް ދުވަހުގެ ތެރޭގައި ޝަރީއަތްތަކުގެ ހެކިބަސް ނަގާނިމިފައިވީނަމަވެސް، މި މައްސަލައިގައި 6 ފަހަރަށް ހުލާސާ ބަޔާން އިއްވުމަށް ޝަރީއަތް ތާވަލުކޮށް އެކި ސަބަބުތަކާހުރެ ކެންސަލް ކުރަން ޖެހުނެވެ. އެގޮތުން ވަކީލުން އެދިގެން އެކި ފަހަރުމަތިން މި މައްސަލައިގައި އަޑު އެހުން ކެންސަލް ކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: