އެލައިޑް ފަންޑިން ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދިނުމަށް އެލައިޑުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން އެލައިޑުގެ މާކެޓިން މެނޭޖަރ އައިޝަތު ސުދާ މައުލޫމާތު ދެއްވި ގޮތުގައި، އެލައިޑް ފަންޑިން ޕްރޮގްރާމްއަކީ 2022 ވަނަ އަހަރު އެލައިޑުން ތައާރަފުކުރި ޕްރޮގްރާމެކެވެ.
މިއީ އެލައިޑްގެ ”ޕްރީމިއަމް ފޯ ގުޑް“ އިނީޝިއޭޓިވްގެ ދަށުންކަމަށެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ މުޖުތަމައު ބާރުވެރި ކުރުވާނެ ހަރުދަނާ ޕްރޮގްރާމްތަކެއް އަތޮޅުތެރޭގައި ކުރިއަށް ގެންދިއުންކަމަށް މީހުންނަށް އެހީތެރިވުންކަމަށެވެ.
ޖުމްލަ ދެ ޕްރޮގްރާމެއް މިއާއިއެކު ތައާރަފުކޮށްފައިވާނެކަމަށް ސުދާ ވިދާޅުވިއެވެ. އެގޮތުން:
- ކޮމިއުނިޓީ ފަންޑް
- އެޑިއުކޭޝަން ފަންޑް
މި ޕްރޮގްރާމްއަށް މި ތާއިތުވީ ތިން އަހަރު ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާއިރު، އެ ޕްރޮޕޯސަލްތައް ވެރިފައި ކޮށްފައިވާނެކަމަށާއި، މަޝްރޫއުތައް ހިންގުމަށް އެލައިޑްގެ ފައިނޭޝަލް އެސިސްޓެންސް ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 22 ޕްރޮޖެކްޓްއަކަށް ފައިނޭޝަލް އެސިސްޓެންސް ފޯރުކޮށްދީފައިވާނެކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ، އޭގެ ތެރޭގައި 8 ކޮމިއުނިޓީ ފަންޑް އަދި 14 އެޑިއުކޭޝަން ފަންޑް ހިމެނޭކަމަށެވެ.
މި ދެ ފަންޑަށް ރެޖިސްޓްރޭޝަން ހުޅުވާލަނީ 8 މެއި 2025 ގައެވެ. 10 ޖޫން 2025 ގެ 4:00 ނިޔަލަށް ޕްރޮޕޯސަލްތައް ހުށައެޅޭނެއެވެ.
ކޮމިއުނިޓީ ފަންޑް:
ކޮމިއުނިޓީ ފަންޑަށް ހުށައަޅާކަމަށްވާނަމަ ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަތޮޅުތެރެއަށް ނިސްބަތްވާ އެންޖީއޯ، ކްލަބް ނުވަތަ އެސޯސިއޭޝަންއަކަށް ވާން ޖެހެއެވެ. އެލައިޑުން ވަނީ 8 މަޝްރޫއުއަކަށް ފައިޝަލް އެސިސްޓެންސް ފޯރުކޮށްދޭން ނިންމާފައެވެ. ކޮންމެ ޕްރޮޕޯސަލްއަކަށް ހުށައަޅަނީ 50،000 ރުފިޔާއެވެ.
ކޮމިއުޓީ ފަންޑަށް ހުޅުވާލާ ކެޓަގަރީސްތަކަކީ:
ސިއްހަތާއި ދުޅަހެޔޮކަން
އިޖުތިމާއީ މަންފާ
ތިމާވެށި ރައްކާތެރިކުރުން
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުން
ތައުލީމާ އީޖާދީ ވިސްނުން ކުރިއެރުވުން
ތާރީހާ ސަގާފަތް
އެޑިއުކޭޝަން ފަންޑް:
އެޑިއުކޭޝަން ފަންޑަކީ ދައުލަތުގެ ސުކޫލުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފަންޑެކެވެ. މި ފަންޑަށް އެދި ހުށައަޅާއިރުވެސް، ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަތޮޅުތެރެއަށް ނިސްބަތްވާ އެންޖީއޯ، ކްލަބް ނުވަތަ އެސޯސިއޭޝަންއަކަށް ވާން ޖެހެއެވެ. މި ފަންޑުގެ މަގްސަދަކީ ސުކޫލުތަކުގައި ހުންނަ ކަންކަން އިތުރަށް ދަރިވަރުންނަށް ފަހި ކޮށްދިނުންކަމަށެވެ. އެގޮތުން ޓީޗަރުންގެ ޕްރޮގްރާމްތަކާއި، ލައިބްރަރީފަދަ ތަންތަން ތަރައްގީކުރުން ހިމެނެއެވެ. މިފަދަ ދާއިރާތަކުން ޕްރޮޕޯސަލް ހުށައެޅޭނެކަމަށް ސުދާ ވިދާޅުވިއެވެ.
އެޑިއުކޭޝަން ފަނޑުގެ ދަށުން، ނައިފަރު، މިލަންދޫ، ކެޔޮދޫ، ކަނޑިތީމު ފޯކައިދޫ މާމެންދޫ އަދި ހިރިލަންދޫގެ އިތުރުން އޭދަފުށީގައި މަޝްރޫއުތައް ހިންގާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށް ސުދާ ފާހަގަކުރެއްވިއެވެ. އަދި އެލައިޑުން އުއްމީދުކުރަނީ މުޖުތަމައުއަށް ފައިދާހުރި ކަންކަމުގައި ބައިވެރުވުމުގެ ފުރުސަތު ލިބޭނެކަމަށްކަމަށް ވިދާޅުވިއެވެ.

