ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށްޓަކައި ސްޕެޝަލިސްޓުން މަދުނަމަވެސް، ބޭރުން ޑޮކްޓަރުން ގެނެސްގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންނާއި އެކު“ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯންމެރޯ ހެދުމުގެ ހިދުމަތްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެއްވުމަށް ވަނީ ވައުދުވެވަޑައިގެންފައި ކަމަށެވެ. މިހާރު 14 ކުދިންނަށް މި ހިދުމަތް ދެމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި ހުޅުމާލޭގައި ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިންވެސްޓަރަކާއެކު އެއްބަސްވުމެއް ގާއިމުކޮށް، އަމަލީ މަސައްކަތްތަކާ ހަމައަށް ދިއުމުގެ މަރުހަލާއަށް ވާސިލުވުމާ ގާތްވެފައިވާ ކަމަށާއި، މި ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ އިންތިޒާމުވެސް ހިމެނުމަށް ޝަރުތުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
”ބޭރު ގައުމުތަކަށް ފޮނުވައިގެން ބޯންމެރޯގެ ހިދުމަތް ދިނުމުގައި ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހުނު ނަމަވެސް، ސަރުކާރުން އެ ހިދުމަތް ދެމުންދަނީ އުފަލާއެކު،“ ރައީސް ވިދާޅުވިއެވެ. އަދި ޕޭޝަންޓުންގެ ދަތިތަކަށް ދާއިމީ ރަނގަޅު ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ތެލަސީމިއާ ބަލީގެ ދަތިކަން ތަހައްމަލުކުރަމުންދާ ހުރިހާ ޕޭޝަންޓުންނަށް ބޭނުންވާ ޖުމުލަ ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމްބީއެސް މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުވުމާއެކު ސްޕެޝަލިސްޓުންގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، ކަށި ފީވުން ފަދަ ކަންކަމަށް ބޭނުންވާ ފަރުވާ ދިނުމަށް ބޭނުންވާ ޑޮކްޓަރުން މަދުނަމަ، ބޭރުން ޑޮކްޓަރުން ގެނެސްގެންވެސް ހިދުމަތް ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ.

