ޒުވާނަކު އިމާރާތަކުން ވެއްޓި އަނިޔާތަކެއް ލިބުނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ އިންކުއަރީ ކޮމިޝަނުން އާންމުންގެ އެހީތެރިކަން ހޯދުމަށް ޚާއްސަ ޕޯޓަލެއް ހުޅުވާލައިފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް، މި ހާދިސާއާ ގުޅޭ މަޢުލޫމާތު، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން ލިޔެކިޔުންތައް ކޮމިޝަނާ ހިއްސާކުރެވޭނެއެވެ. އަދި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އުފެދޭ ސުވާލުތައްވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ކޮމިޝަނުން ވަނީ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އިމާރާތުގެ ފުރާޅުމައްޗަށް ޒުވާނަކު ވެއްޓުނު މައްސަލައިގައި ކަންކަން ހިނގާދިޔަ ގޮތާމެދު ސުވާލު އުފެދޭތީ، ނުފޫޒާއި މަސްލަހަތުން އެއްކިބާވެ މައްސަލަ ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށެވެ. ”ކޮމިޝަނުން ނިންމާ ނިންމުން ނުވަތަ އެކުލަވާލާ ރިޕޯޓުގައި އޮންނަ ކޮންމެ ގޮތަކަށްވެސް ފިޔަވަޅު އަޅާނަން،“ ރައީސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދާއިރު، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާންގެ އިސްތިއުފާއަށްވެސް ގޮވާލަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އިޙްސާން މަޤާމުން ވަކިކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށާއި، އެއީ ވަރަށް ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވާ މިނިސްޓަރެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެއްވެސް އައްޔަންކުރެވިފައިވާ މަޤާމެއްގައި ހުންނަ މީހެއްގެ ކިބައިން އިންޓެގްރިޓީގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަކިކުރައްވާނެކަމަށާއި، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބެލޭ މައްސަލައެއްގައި ކުށްވެރިވާ މީހަކު އައްޔަންކޮށްފައިވާނަމަ އެމީހަކު މަޤާމުން ވަކިކުރައްވާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

