ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދު: ޓެގު އަޅުވައި ގޭބަންދަށް ބަދަލުކުރެވިދާނެ މީހުން ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގައިފިން: ރައީސް

ވާނުވާ ބަންދުގައި ތިބި މީހުންނަށް ވަކާލާތުކުރައްވާ ފަރާތްތަކާއި ރައީސް ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގު އެޅުވުމަށްފަހު ގޭބަންދަށް ބަދަލުކުރެވިދާނެ މީހުން ބެލުމަށް ޕީޖީ އޭޖީ އަދި ފުލުހުންނަށް އަންގަވާފައިވާކަމަށާއި ނަމަވެސް އޭގެ ތެރޭގައި ޖިންސީ އެއްވެސް ކުށެއްގެ ތުހުމަތުކުރެވޭ މީހުން ނުހިމެނޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއި އެކު ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕޮޑްކާސްޓުގައި ވާނުވާ ބަންދާއިމެދު ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެކަމުގައި ދިމާވާ މައްސަލައަކީ ހުކުމަކަށް ނުގޮސް ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބަޔަކު ތިބުންކަމަށެވެ. ނަމަވެސް އެމީހުންނަކީ ރަސްމީގޮތުން ކުށްވެރިންގެ ގޮތުގައި ކަނޑައެޅިފައިވާ ބައެއް ނޫންކަމަށާއި ޝަރީއަތްކުރާއިރު ކުށްވެރިއެއްތޯ ކަނޑައެޅުމުގެ މަރުހަލާގައި އޮތްނަމަވެސް ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅިގެންދާނީ މައްސަލަ ސާބިތުވުމުންކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެކިކަހަލަ ތުހުމަތުތަކުގައި މީހުން ހައްޔަރުކޮށްފައި 300 ވަރަކަށް މީހުން ބަންދުގައި ތިބިކަމަށެވެ. އެގޮތުން ބަންދުގައި 6 ވަރަކަށް އަހަރު ވެފައިވާ މީހުންވެސް ތިބިކަމަށާއި އެގޮތުން ގޮސް އެކި މުއްދަތުތަކުގައި ބަންދުގައި ތިބުން ތަހައްމަލުކުރަމުންދާ މީހުން ތިބިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން ތިބެންޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރު އެކި ސަރުކާރުތަކުގެ ދައުރުގައިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށާއި އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަމެއް ކަމަށް މައުލޫމާތު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ނިޒާމުގެ އިސްލާހަށް މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެކަމަށާއި މިކަމުގައި ހައްލެ ގެނައުމަށް މަސައްކަތްކުރާއިރު ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަންވެސް ހުރިކަމަށެވެ. އެހެންކަމުން ކްރިމަނަލް ކޯޓަށް 11 ކޯޓް ރޫމް ހިމެނޭ އިމާރާތެއް ރަނގަޅު ފެންވަރުގައި ބިނާކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށާއި އެތަނުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަން ނިމޭއިރު ކޯޓަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިގެންދާކަން ކަށަވަރުކުރުމުގެ ގޮތުންވެސް ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ. އެގޮތުން މުއައްޒަފުން މަދުވާކަމަށްވާނަމަ ކޮންމެހެން ބޭނުންވާ އަދަދަށް މުއައްޒަފުން ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށާއި އެކަމުގެ ސަބަބުން އެއްފަހަރާ ގިނަ މައްސަލަތަކެއް ބެލުމަށްޓަކައި ފަނޑިޔާރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ނުލިބުމުގެ ދަތިތަކަށް ހައްލެއް އަންނާނެކަަމށެވެ.

ރައީސް ވިދާޅުވީ، އެކަން ހަމަޖެހެންދެންވެސް ކުރެވިދާނެ ކަންކަން ބެލުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި ޕީޖީ އަދި އޭޖީ އޮފީހާއި ގުޅިގެން އެ މަސައްކަތްތައް ކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ، އެފަދަ އެއްކަމަކީ ޓެގު ނުވަތަ އިލެކްޓްރޯނިކް މޮނީޓަރިންގް ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި ބައެއް ފަރާތްތައް ހިމެނޭތޯ މަސައްކަތްކުރުންކަމަށެވެ. އަދި ބައެއް ފަރާތްތައްކަމަށް ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހުންވެސް ތިބުމުންނާއި އެފަދަ އެހެނިހެން ކުށްތަކުގެ ތުހުމަތުތައް ކުރެވޭ މީހުންވެސް ތިބުންކަމަށެވެ. ރައީސް ވިދާޅުވީ، އެފަދަ މީހަކު ޓެގު އަޅުވާފައިވެސް ގެއަށް ބަދަލުކުރުމަށް އެދިވަޑައިނުގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، ބަންދުގައި ތިބި މީހުންގެ ތެރޭގައި ޓެރަރިޒަމް އަދި މާރާމާރީއާއި ގޭންގު ކުށްތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންވެސް ތިބިކަމަށެވެ. ނަމަވެސް މޮނީޓަރ ކޮށްގެން ގޭބަންދަށް ދޫކޮށްލުމަށް ބަލާއިރުވެސް ޖިންސީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ނުހިމެނޭކަމަށާއި ތިންބައި ކުޅަ އެއްބައި މީހުން ޓެގު އެޅުވޭނެތޯ ބެލުމަށް ފުލުހުންނާއި އޭޖީ އަދި ޕީޖީ އޮފިހާއި މަސައްކަތްތައް ހަވާލުކޮށްފައިވާނެކަމަށް ހިއްސާކުރެއްވިއެވެ. އަދި ކަފާލާތުގެ ނިޒާމުގެ ތެރެއިންވެސް މިފަދަ ފަރާތްތަކަށް ލުއިތަކެއް ގެނެސްދެވޭނެ އިންތިޒާމުތަކާއިމެދު މަޝްވަރާތައް ކުރެވެމުންދާކަން އެމަނިކުފާނުވަނީ މި ފުރުސަތުގައި ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: