މޭ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި މުއްދަތުގެ ތެރޭގައި ދައުލަތަށް 13.54 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، ޖުމުލަ ހަރަދުގެ ގޮތުގައި 11.97 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވާ މިންވަރެކެވެ.
ޕީއެސްއައިޕީގެ ދަށުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް 944.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަމަށްވާ 436.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަމަށްވާ 173.3 މިލިއަން ރުފިޔާހޭދަކޮށްފައިވަނީ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް 127.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ޕީއެސްއައިޕީގެ ދަށުން ތިންވަނައަށް އެންމެ ބޮޑު ހަރަދެއް ކުރެވުނު ދާއިރާއެވެ. އަދި ދަތުރުފަތުރުގެ ހަރަދުތައްވެސް ވަނީ ނިމިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 76.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރު ހަރަދުކޮށްފައިވަނީ 59.5 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި 10.56 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.89 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.06 ބިލިއަން ރުފިޔާހޭދަކޮށްފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 908 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

