ނިމިދިޔަ ވެރިކަމުގައި ރާއްޖެ އޮތީ އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވައްޓާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ގައުމެއްގެ އިގްތިސާދު ހަރުދަނާކޮށް ރަނގަޅު ކްރެޑިޓް ލައިނެއްގެ މައްޗަށް ބިނާވެގެންދަނީ އެ ގައުމެއްގެ މުއައްސަސާތަކުގެ ރިޕޯޓުތައް ރަނގަޅަށް އޯޑިޓް ކުރެވިގެންނެވެ. އެހެންނަމަވެސް، މީގެ ކުރިން އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރެވިފައިނުވާކަމަށާއި، މާލިއްޔަތު ކޮމިޓީއަށް 8 އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅިފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
”ނިމިދިޔަ ވެރިކަމުގެ ދައުރަކީ އިގްތިސާދީގޮތުން ރާއްޖެ އަނދަވަޅަކަށް ވައްޓާލި ފަސް އަހަރު. މިހާލަތަށް ރާއްޖެ ވެއްޓުނު މައިގަނޑު ސަބަބަކީ ރަނގަޅަށް ކަންކަން މޮނިޓަރކުރެވޭ ނިޒާމެއް ނެތުމާއި، ޖަވާބުދާރީކުރެވޭ ނިޒާމެއް ރާއްޖޭގެ އޮޑިޓު މަސައްކަތްތަކުގެ ތެރޭގައި ބައްޓަންކުރެވިފައި ނެތުން،“ ޒަރީރު ވިދާޅުވިއެވެ.
އަވަސް މުސްތަގުބަލެއްގައި ސަރުކާރުގެ ކުންފުނިތަކާއި އެކި މުއައްސަސާތަކުގެ އޮޑިޓު ރިޕޯޓުތައް ލިބުމާއެކު ވަގުތުން އޮޑިޓުކޮށް، މައްސަލަތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ރިކޮމެންޑޭޝަންތައް ދިނުމުގެ މަސައްކަތްތައް ކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަދި 8 އަހަރު ފަހުން އޮޑިޓު ރިޕޯޓެއް ހުށަހެޅުމުން، އޭގެ ބޭނުންތެރިކަމާމެދު ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، 20 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން މިހާރު ދަނީ މި މައްސަލަތައް ހައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. އަދި އޮޑިޓު ރިޕޯޓުތަކާ ގުޅިގެން ވަގުތުން ފިޔަވަޅު އެޅުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ފެންމަތިވާ މައްސަލަތައް ހައްލުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

