ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ހިންގާނެ އެންމެ ބޮޑު މަޝްރޫއުކަމަށް ސިފަކޮށް މޯލްޑިވްސް 2.0 ގެ ނަމުގައި މިވަނީ ބޮޑު ބިޔަ މަޝްރޫއުއެއް އިފްތިތާހުކޮށްފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ހުރި ގިނަ މައްސަލަތަކެއް ނައްތާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ. ހުދު ރައީސުލްމްހުރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމަށެވެ. މި މަޝްރޫއުއާއިއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. ހިންގުމުގައިއާއި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކިވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެއެވެ. ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާ ހޯދައި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެއެވެ. ޚިދުމަތް ހޯދުމުގައި ކަންކަން ވާންވީ ގޮތް ނޭނގޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށް ފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
މިވަރުގެ ބިޔަ ބޮޑު މަޝްރޫއުއަކާއިއެކު ނޫން ނަމަވެސް، ކޮވިޑް 19 ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން އަބަދުވެސް އަމާޒު ހިފާ، މިސްރާބު ޖެހީ ޑިޖިޓަލް ރާއްޖެއަކަށެވެ. މިހާ ހިސާބަށް 4، 5 އަހަރު ފާއިތުވެގެންއައިރުވެސް، މި އަމާޒަށް ވާސިލް ނުވެވި އޮތީ ކީއްވެގެންތޯ ސުވާލު އުފެއްދުން މުހިންމެވެ. މިދިޔަ ސަރުކާރުންވެސް މި މަގަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އީފާސް ތައާރަފުކޮށް، ”ވަންގަވް“ ގެ ނަމުގައި ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތައް، ކަނޑު ދަތުރު ނުކޮށް، އެއް ތަނުން އަނެއް ތަނަށް ނުގޮސް ލިބޭނެ ގޮތަށް އޭރުގެ ސަރުކާރުން ފަހިކުރިއެވެ. މި މަޝްރޫއު އިފްތިތާހު ކޮށްދެއްވާ އޭރުގެ ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ”ވަންގަވް“ އަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމަށެވެ.
މި ސަރުކާރުގެ ތަފާތަކީ ސީދާ ވަކި މުއްދަތަކަށް އަމާޒު ހިފައިގެން މަސައްކަތްތަކެއް ފެށުމެވެ. އެގޮތުން ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާއެކު ފެށި މި މަޝްރޫއުގެ އަމާޒަކީ 3 އަހަރުގެ ތެރޭގައި ރާއްޖެ ޓްރާންސްފޯމް ކުރުމެވެ.
ރާއްޖެއަށް މިއީ ކޮންމެހެންވެސް މުހިންމު ބަދަލެކެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ ހަމައެކަނި ހިންގާ މަޝްރޫއުއަކުން ރާއްޖެ ޑިޖިޓަލައިޒް ކުރެވިދާނެތޯއެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަންއަކީ ހަމައެކަނި އާ ޓެކޮނޮލޮޖީތައް ތައާރަފުކުރުމެއް ނޫނެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއްގޮތަށް، ތިމާމެންނަކީވެސް ޒަމާނަށް ހޭލުންތެރި ބަޔަކަށް ވުން މުހިންމެވެ. ކިތައްމެ ބައިވަރު ހިދުމަތްތަކެއް ތައާރަފުކުރި ނަމަވެސް، ރައްޔިތުން މިކަމަށް ފައްކާ ނުވާނަމަ މީގެ ހެޔޮ އަސަރެއް ނުކުރާނެއެވެ.
ރާއްޖެ އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ބަލާލިއަސް ގިނަ ފަހަރު ފެނިގެން ދަނީ ތައާރަފުވެގެންދާ ޒަމާނީ އައު ގޮތް ތަކާއިއެކު އެކަންކަމުގެ ނާޖާއިޒު ފައިދާ ނަގާ މަންޒަރެވެ. އަދި އެކަމުގެ ސަބަބުން ދިރިއުޅުމަށް އިތުރު ދަތިތަކެއް ފޯރާ މަންޒަރެވެ. ޒަމާނަށް އައި ބަދަލުތަކާއިއެކު، ހެޔޮ ގޮތުގައި އޭގެން ދިރިއުޅުމަށް މަންފާ ކުރާނެ ރަނގަޅު ގޮތްތައް ހޯދުމުގެ ބަދަލުގައި ފެންނަނީ ނުރަނގަޅު ކަންކަން އާންމުވެގެންދާތަނެވެ.
އެހެންކަމުން މިފަދަ ކަންކަމަށް އާންމުން ހޭލުނެތެރިކުރުވާ، ކޮށްފާނެ ނުރަނގަޅު އަސަރުތަކަށް ސަރުކާރުން ސަމާލުވެ އޮތުން މުހިންމެވެ. އަޅުގަނޑު މިދައްކަނީ ކޮރަޕްޝަންގެ ވާހަކައެއް ނޫނެވެ. އޭގެ އިތުރަށްވެސް މިކަމުގެ ސަބަބުން ކޮށްފާނެ ނުރަގަޅު އަސަރުތަކެއް ހުންނާނެއެވެ. އެހެންކަމުން މިކަމަށް ހުށިޔާރުވެ ތިބުން މުހިންމެވެ.
އިންސާނީ ބުއްދި މިކަންކަމަށް އެންމެ ފައްކާ ނުދެ އޮތުމުގެ ސަބަބުން ދިމާވެދާނެ ބައެއް ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުން މިހާރުވެސް ވަނީ ބައެއް ކަންކަން ހިއްސާކޮށްފައެވެ. މިއީ ރަނގަޅެކެވެ. އެގޮތުން ހިމެނޭ ކަންކަން:
- ދިފާއުވެ ރައްކާތެރިވެވޭނެ ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން
- ޑިޖިޓަލް މުއާމަލާތްތަކަށް އިތުބާރު އުފައްދައިދޭ އަދި ހައްޤުތައް ރައްކާތެރިކޮށްދޭ ޒަމާނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި އަމަލުކުރުން
- ހާމަކަން ބޮޑު ގޮތެއްގައި ޑޭޓާ ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމުތައް ގާއިމްކުރުން
- ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް އުމްރާނީ ވަސީލަތްތައް ޤާއިމުކުރުން
އެހެން ނަމަވެސް މި ބިޔަ ބޮޑޫ މަޝްރޫއުއާއިއެކުވެސް، މިފަދަ ކަންކަމަށް މަގުފަހިވާނެކަންކަން ހުއްޓުވާ، އެފަދަ ކަންކަމުން ރައްޔިތުން ދުރުކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައެއް ނެތެވެ.


One Response
އަތުގައި އޮންނަ ފޯނުން މީހުންގެ ޒާތީ މަޢުލޫމާތު ބަލައިލެެވޭ ހިސާބަށް ދިއުމުން 2.0ވީ ދޯ؟