އެމެރިކާގެ ޖަމިއްޔާއަކުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި ހަވާލުވާން މަސައްކަތްކުރަމުންދާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން ޣައްޒާގައި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި ހަވާލުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމެރިކާގެ ޖަމިއްޔާއަކީ އެމެރިކާގެ ސެކިއުރިޓީ ކޮންޓްރެކްޓަރުންނާއި ކުރީގެ އަސްކަރީ އޮފިސަރުންގެ އިތުރުން އިންސާނީ އެހީތެރިކަން ދިނުމުގެ މަސައްކަތްތަކާއި ހަވާލުވެގެން އުޅުނު ބައެއް އޮފިޝަލުން ހިމެނިގެން އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ. އެ މީހުން މަސައްކަތްކުރަމުންދަނީ ކާބޯތަކެއްޗާއި އެހެނިހެން އެފަދަ ސާމާނުވެސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމަށްކަމަށްވާއިރު އިސްރާއީލުންވެސް މީގެ ކުރިން މިފަދަ ހުށައެޅުމެއް ހާމަކޮށްފައިވެއެވެ.
ޣައްޒާ ހިއުމޭނިޓޭރިއަން ފައުންޑޭޝަންގެ ނަމުގައި އަލަށް އުފައްދާފައިވާ މި ގުރޫޕުގެ މަގުސަދަކީ އެހީ ފޯރުކޮށްދިނުމުގެ އައު ނިޒާމެއް ބިނާކޮށް އދގެ ދަށުން ހިންގާ ޖަމިއްޔާތަކުގެ މަސައްކަތްތައް ހުއްޓުވާލުންކަމަށް ފެނިގެންދާކަމަށް ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް މީގެކުރިން އިސްރާއީލުން މިކަން ކުރުމަށް ހުށައެޅުމުން އދއިންވަނީ އެކަމަށް އިންކާރުކޮށްފައިކަން ފާހަގަކުރެވެއެވެ.
އިސްރާއީލުންވަނީ ޣައްޒާށް ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ވެއްދުންވެސް ހުއްޓުވާލާފައެވެ. މިހާރު 10 ހަފްތާ ވެގެން ގޮސްފައިވާއިރު 2.3 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ އިތުރުންވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވެއެވެ. އަދި އެ ގައުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީދިނުމުގެ މަސައްކަތްތަކުގެ މައްޗަށް ކޮންޓްރޯލް ނުނެގޭ ހިނދު އެކަމަށް ޖާގަ ނުދޭނެކަމަށްވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

