ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމާ ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ތައުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަވަހާރަވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު ނަޒީރު ލެހެއްޓެވުމަށް ދުއާކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މުޙައްމަދު ނަޒީރަކީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވްވެސް މެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޓްރޭޑް އެންވޯއިގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އޭނާއަކީ ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އޭނާއަކީ ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރެވެ. އޭނާ ނިޔާވީ އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

