އިންޑިއާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް، އެ އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފަށައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އިންޑިއާ އަދި ޕާކިސްތާނުންވެސްވަނީ އަނެއް ގައުމުން ހަމަލާތަކެއް ދީ އިތުރަށް ކަންކަން ގޯސްނުކުރާ ހާލަތުގައި މަސްލަހަތު ގެއްލިގެންދާ ފަދަ އަމަލުތަކެއް ނުހިންގާނެކަމަށް ބުނެފައެވެ. މި މައުލޫމާތު މީޑިއާތަކަށް ތިލަކޮށްފައިވަނީ ދެ ގައުމުންވެސް މިސައިލުތަކެއް ބޭނުންކޮށްގެން ހަމަލާ ދީފައިވަނިކޮށެވެ.
މިއީ ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެންމެ ބޮޑަށް ހޫނުވެގެންދިޔަ ފުރުސަތުކަން ފާހަގަކުރެވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ އެއްބަސްވުން ވީ ފަހުން އިންޑިއާއިން ބަލަހައްޓަމުންދާ ކަޝްމީރު ސަރަޙައްދުގައިވެސް ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ. އެގޮތުން ޕާކިސްތާނުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވަމުންދާކަމަށް އިންޑިއާގެ ފޮރިން ސެކެޓަރީ ވިކްރަމް މިސްރީއާ ޙަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.
އަނެއްކޮޅުން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއިންވެސް އެއްބަސްވުމަށް އަމަލު ނުކުރާކަމަށް ބުނެފައެވެ. އެގޮތުން ޕާކިސްތާނުން ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަމުން ދަނިކޮށް އިންޑިއާއިން ބައެއް ސަރަޙައްދުތަކުގައި އެއްބަސްވުމާ ޚިލާފު އަމަލުތައް ހިންގަމުންދާކަމަށް އެ ޤައުމުގެ ޚާރިޖިއްޔާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
އިންޑިއާއާ ޕާކިސްތާނާ ދެމެދު ދޭތެރެ ދޭތެރެއިން ސަރަޙައްދީ ހަމަނުޖެހުންތައް އުފެދެއެވެ. ނަމަވެސް މި ފަހުން އުފެދިފައިވާ ހަމަނުޖެހުމަކީ މި ފަހުގެ ތާރީޚެއްގައި ހިންގަމުންދާ އެންމެ ބޮޑު ނުތަނަވަސްކަންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

