ރަޝިއާއާ ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ސީދާ މަޝްވަރާތައް ކުރުމަށް އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ޔޫކްރޭނަށް ދައުވަތު ދެއްވައިފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޕުޓިން ދައުވަތު ދެއްވާފައިވަނީ 15 މެއި ގައި ދެ ޤައުމުންވެސް ބައްދަލުކޮށް ސީދާ މަޝްވަރާތަކެއް ކުރުމަށެވެ. ޕުޓިން އެފަދައިން ވިދާޅުވެފައި މިވަނީ 30 ދުވަހުގެ މުއްދަތަކަށް ޔޫކްރެއިންއަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައި ޔޫރަޕުގެ ގައުމުތަކުން ރަޝިއާއަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ޕުޓިން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ ސީރިއަސް މަޝްވަރާތަކެއް ކުރުމަށް ރަޝިއާއިންވެސް ބޭނުންވާ ކަމަށެވެ. އަދި އަމާޒަކީ ސުލްޙަވެރިކަމާއެކު ދެ ޤައުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހޯދުންކަމަށްވެސް ޕުޓިން ވިދާޅުވެއެވެ.
ޕުޓިން ވިދާޅުވީ، ދެ ޤައުމުން ސުލްޙަވެރި ކުރުވުމަށް މެދުވެރިއެއްގެ ރޯލު އަދާކުރާ ތުރުކީގައި މި މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ މަޝްވަރާ ކުރައްވާނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.
މީގެ ކުރިންވެސް މި މަޝްވަރާތައް ތުރުކީގައި ކުރިއަށް ގެންގޮސްފައިވާއިރު، އޭރުވެސް އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކީރް ސްޓާމަރ ވަނީ ޔޫކްރޭންގެ ވެރިރަށް ކީވްއަށް ވަޑައިގެން، ޔޫރަޕްގެ ޤައުމުތަކާއެކު މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ފްރާންސް، ޖަރުމަން، ޕޮލެންޑްގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއަށް ޕްރެޝަރ ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ ރަޝިއާއިން ޝަރުތެއް ނެތި 30 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްނުވާނަމަ، އެ ޤައުމަށް ހަކަތައިގެ ދާއިރާއިންނާއި ބޭންކިންގ ދާއިރާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރަޝިއާގެ ރައީސް އޮފީހުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯ ވިދާޅުވީ، މޮސްކޯއިން އެކަމާމެދު ވިސްނާނެ ކަމަށާއި، ނަމަވެސް ރަޝިއާއަށް ޕްރެޝަރ ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.

