ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން އައްޑޫގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ އޮޑިޓުގައި ބޮޑެތި މައްސަލަތަކެއް!

ފެނަކަ ކޯޕަރޭޝަން- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗްތަކާއި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓުގައިވާގޮތުން މި މަސައްކަތްތަކަކީ މަޖިލީހުގެ އެދުމުގެ މަތިން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުނީގެ ޕްރޮކިއަރމެންޓު މަސައްކަތްތަކާއި މުއައްޒަފުން ނެގުމުގެ މަސައްކަތްތަ ހިމަނައި ކުރި އޮޑިޓެކެވެ. އަދި ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ޕީސީބީގެ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވޭތޯ އާއި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ފާހަގަކުރެވޭތޯ ބެލުމުގެ ގޮތުން 20 ވަނަ މަޖިލީހުގެ އެދުމުގެ މަތިން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކަކެވެ.

އޮޑިޓުގައި ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިން އިންހައުސްކޮށް 4 ޕްރޮޖެކްޓެއް ހިންގާފައިވާކަމަށާއި 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަކޮށް 117.5 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށެވެ. ނަމަވެސް އެއްކޮށް ނިންމާލުމަށްޓަކައި އިތުރު 68.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވުމުން ޖުމުލަ އަގު 185.97 މިލިއަން ރުފިޔާއަށް އަރާކަމަށް ބުނެފައިވެއެވެ.

އޮޑިޓުން ބުނާގޮތުން މިފަދަ ޕްރޮޖެކްޓުތައް އައުޓްހައުސްކޮށް ހިންގުމަށްޓަކައި އަކަފޫޓަކަށް ހިނގާފައިވާ ހަރަދަށް ބަލާއިރު އެގޮތުގެ މަތިން ކުރުމުން 109.06 މިލިއަން ރުފިޔާއަށް އެއްކޮށް ނިންމާލެވޭކަން ފެނިގެންދާކަމަށާއި އެހެންކަމުން މިހާރު ކުރިއަށް ގެންގޮސްފައިވާގޮތުގެ ސަބަބުން 76.9 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ބުނެފައިވެއެވެ.

އޮޑިޓު އޮފީހުން ވަނީ ކުންފުނީގެ މުއައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީކޭޝް އިން ފައިސާ ޖަމާކުރުމުގެ މައްސަލަވެސް ފާހަގަކުރެވިފައިވާކަން ހާމަކޮށްފައެވެ. އަދި ޕްރޮޖެކްޓު ފައިސާއިން މުއައްޒަފުންނާއި އާއިލީގޮތުން ގުޅުންއޮތް ވިޔަފާރިތަކުން 783،296 ރުފިޔާގެ މުދާ ގަނެފައިވުމުގެ އިތުރުން ސައްހަ ނޫން ލިޔެކިއުންތައް އުފައްދައިގެން 103،220 ރުފިޔާ ޕެޓީކޭޝްއިން ނަގާފައިވާކަންވެސް ފާހަގަކުރެވޭކަމަށްވުމުން ޖުމުލަކޮށް އެގޮތުގެ މަތިން ހަރަދުވި 4.4 މިލިއަންގެ ތެރެއިން ސައިޓުތަކަށް މުދަލާއި ހިދުމަތްތައް ލިބިގަތުމަށް ކޮށްފައިވާ ހަރަދު ކަށަވަރުނުކުރެވޭކަމަށް ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީ ހުޅުމީދޫގައި އަޅަމުންދާ އިމާރާތުގެ މަސައްކަތްތަކުގެ ތެރެއިން ނިންމާލެވިފައިވަނީ ހަމައެކަނި ގްރައުންޑް ފްލޯގެ ފައުންޑޭޝަނާއި ކޮލަމްގެ މަސައްކަތްތައް ނަމަވެސް ފިނިޝިންގް މަސައްކަތްތަކަށް ބޭނުންވާ މުދާ ގަނެފައިވާކަމަށްވެސް އޮޑިޓުން ބުނެފައިވެއެވެ. އަދި އެގޮތުގެ މަތިން 675،212 ރުފިޔާ ހަރަދުކޮށްފައިވާއިރު އެ މުދަލުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ގުދަން ނުކުރެވިއްޖެ ހާލަތެއްގައި ހަލާކުވެދިއުމުގެ ފުރުސަތުތައް އޮތް ކުލަ ފަދަ ތަކެތިވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ޕްރޮޖެކްޓުތަކަށް ބޭނުންވާ ވެހިކަލް ހޯދުމުގައި އެންމެ ފައިދާވާނެ ގޮތެއް ބެލުމެއް ކުއްޔަށް ނެގުމުގެ ގޮތުން 15.92 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު ތައްޔާރުކޯށްފައިވާކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެއީ އެފަދަ 10 އުޅަނދު ކުންފުންޏަށް ގަތުމަށް ހަރަދުވާނެ 4.23 މިއަލިން ރުފިޔާއަށްވުރެ 11.68 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށް ބުނެފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން ޖެނުއަރީ 2021 އިން ފެށިގެން 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް އައްޑޫ ސިޓީގެ ހިތަދޫ ބްރާންޗުން އުފައްދާފައިވާ ފެނުގެ 54 އިންސައްތައިގެ އިތުރުން ހުޅުމީދޫ ބްރާންޗުން އުފައްދާފައިވާ ފެނުގެ 16 އިންސައްތަ ބިމަށް ލީކުވެފައިވާކަމަށެވެ. އަދި ބިލުކުރަމުންދާ އެންމެ ދަށް އަދަދަށް ބަލާއިރު މިއީ 9.89 މިލިއަން ރުފިޔާކަމަށްވާއިރު ލީކުވާ ސަރަހައްދެއްގެ އިތުރުން ލީކުވާކަން އެނގޭނެ ނިޒާމެއްވެސް ގާއިމުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: