ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު 8 އިންސައްތަ އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމިދިޔަ އަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 802،582 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ ދުވަހުގެ ނިޔަލަށް 866،462 މީހުން އައިސްފައިވާކަމަށް ރިޕޯޓުގައި ވެއެވެ. މަހުން މަހަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލުވެސް ހާމަކޮށްފައިވާއިރު މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން އައި އަދަދުތައް 18.2 އިންސައްތަ އިތުރެވެ. އެ މުއްދަތުގެ ތެރޭގައި އައިސްފައި ވަނީ 35،718 ފަތުރުވެރިންނެވެ.
ރާއްޖެ އައި ޖުމުލަ ފަތުރުވެރިންގެ ތެރެއިން 11.3 އިންސައްތައަކީ ޗައިނާ މާކެޓުން އައިސްފައިވާ މީހުންނެވެ. އެ މާކެޓު އޮތީ އެއްވަނައިގައެވެ. ރަޝިއާ މާކެޓު ދެވަނައިގައި އޮތްއިރު އެ ސަރަހައްދުން 92،333 ފަތުރުވެރިން އައިސްފައިވެއެވެ. ތިން ވަނައިގައި އޮތް އިޓަލީ މާކެޓުން 90،161 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 70.7 އިންސައް މީހުން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އަދި އެ އަދަދުގެ ތެރެއިން 23.8 އިންސައްތަ މީހުން ގެސްޓްހައުސްތަކަށް ގޮސްފައިވާއިރު ހޮޓެލްތަކަށް 2.9 އިންސައްތަ އަދި ސަފާރީތަކަށް 2.5 އިންސައްތަ މީހުން ގޮސްފައިވާކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

