މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާއިރު، އެކަމާ ގުޅޭ އަޑުއެހުން ހައިކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ މެންދުރު 14:15 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި އަޑުއެހުން ކެންސަލްވެފައިވަނީ ދައުވާލިބޭ އެއް ފަރާތުގެ ވަކީލު ހާޒިރުނުވުމުގެ ސަބަބުންނެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ހައިކޯޓުގައި މީގެ ކުރިން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ދައުލަތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއެކު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، ހައިކޯޓުން ވަނީ އެ ފަރާތްތައް ބަންދުން ދޫކޮށްލުމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް އެ ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފައވެއެވެ.
މީގެއިތުރުން ހުކުމުގައި ބުނެފައި ވަނީ ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ކުށުގެ ތުހުމަތުގައި ތިބި މީހުންކަން ކަށަވަރު ކުރުމުގެ އިތުރު އެއްވެސް ހެއްކެއް ނުވަތަ އެއްއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އެއާއި އެކު ސިއްރު ހެކިންގެ، ހެކި ބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ނުވަތަ އެ އަމަލު ހިންގީ އެ މީހުންކަމަށް ޝަރީއަތަށް ސާބިތު ކުރެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި އިތުރަށް ބުނެފައި ވަނީ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ކޯލް ޑީޓެއިލްތަކުގެ ޗާޓު ހުށަހަޅާފައިވީ ނަމަވެސް، އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ނެތް ހެއްކެއް ކަމަށެވެ.
އެހެންކަމުން ހައިކޯޓުން އެ ނިންމުން އިސްތިއުނާފުކޮށް، ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ. އަދި އެއަށްފަހު ކުރިއަށްދިޔައީ މި މައްސަލައިގައި ތުހުމަތުވާ މީހުންގެ ބަންދާމެދު ގޮތް ނިންމުމާގުޅޭ ބައެވެ. އޭރު މި މައްސަލައިގައި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބުވުމުގެ އިޙްތިމާލު ނުވަތަ ދަށު ކޯޓުގެ ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ބޮޑުކަން ދައްކުވައިދޭ ސަބަބެއް ހުށަހެޅިފައި ނެތް ކަމަށާއި، އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތުހުމަތު ކުރެވޭ ކުށް ހުރިކަމަށް ބާރުދޭ ހެކި ހުރިކަން ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ.
އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ. އެހެންވެ ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އަނަސްގެ މަރުގެ ތުހުމަތުވާ މީހުންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް އަނބުރާ ފޮނުވާލާފައެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

