ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވަ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ދިރާސާކޮށް އޭގައި ޝަރުތު ހަމަނުވާނަމަ އެ ނިންމުން ބާތިލް ކުރުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގޮވާލައިފިއެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމުމުގެ ކުރިން އެ ދެ ބޭފުޅުން ތިއްބެވީ ސަސްޕެންޝަނުގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި އެ ދެ ބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރިއިރު އޭނާ ވަނީ ފަހުން މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް އެ ކޯޓުގައި ބަލަމުން ދަނިކޮށެވެ. ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމުން އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށްވާތީ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިހާރު ދަނީ އެ މައްސަލަ ދިރާސާ ކުރަމުންނެވެ. އެހެންނަމަވެސް ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދޭން ވަނީ ނިންމައިފައެވެ.
މި މައްސަލައާއި ގުޅިގެން ސީއެލްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ޔަގީން ކުރުމުގައި ގާނޫނާއި ގަވާއިދުތަކުގެ ދަށުން، އިންސާފު ލިބިދިނިމުގެ މާއްދާތަކަށް ރިއާޔަތްކޮށްފައިވޭތޯ ބަލަން ޖެހޭނެ ކަމަށެވެ. އެ ގޮތުން ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ހައްގުތަކުގެ ތެރެއިން އެއްވެސް ހައްގެއް އުނިވެފައިވާނަމަ އެއީ އިޖުރާއީ އިންސާފުގެ އަސާސީ އުސޫލުތަކާ ހިލާފުވުން ކަމަށާއި އެ ހަލާތުގައި މައްސަލަ ބާތިލް ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ސީއެލްއޭއިންވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް އޮތް ހަރުކަށި ބައިނަލްއަގްވާމީ މިންގަނޑުތަކަށް އިހްތިރާމްކޮށް އެއަށް ތަބާވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ. އެ އެސޯއިއޭޝަނުން ބުނީ، ރާއްޖޭގެ ބާކައުންސިލާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުއީ ދާއިރާގެ ހާއްސަ ރިޕޯޓަރަކާ ގުޅިގެން އެ ތަނުން ވެސް މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ.

