ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބުތަކުގެ ފަހަތުގައިވާ ހަގީގީ ބަތަލުންނަކީ މަންމައިންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިންލްއަގުވާމީ ގޮތުން ފާހަގަކުރެވޭ މަންމައިންގެ ދުވަހުގެ މުނާސަބާގައި އެކްސްގައި އާންމުކުރެއްވި މެސެޖެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިދުވަހުން އެންމެ އަގުހުރި ގުރުބާނީކަމަށްވާ މައިވަންތަކަމުގެ ލޯބި ހަނދާންކޮށްދޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބުތަކެއްގެ ފަހަތުގައިތިބި ހަގީގީ ބަތަލުންނަކީ މައިންކަމަށެވެ. އެހެންކަމުން ހެޔޮ ދުއާތަކާއިއެކު މި ދުވަހުގެ ތަހުނިޔާ މައިންނަށް ފޮނުއްވާކަމަށެވެ.
އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސްވަނީ މި ދުވަހުގައި މެސެޖެއް އާންމުކުރައްވާފައެވެ. މެޑަމް ސާޖިދާ ވިދާޅުވީ، ރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށެވެ. އަދި އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

