ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީ ކޮމިޓީ ސިއްރު ކުރުމުން އެމްޑީޕީން ކޮމިޓީ ބޮއިކޮޓް ކޮށްފި

ޖުޑިޝަރީ ކޮމިޓީ ސިއްރު ކުރުމުން މެމްބަރުން ކޮމިޓީ ދޫކޮށް ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަރީ ކޮމިޓީ ސިއްރު ކުރަން ހުށައެޅުމާއިއެކު އެ ކޮމިޓީ ކުރިއަށް ގެންދަނީ ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން ކޮމިޓީ ދޫކޮށްވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ފަނޑިޔާރުންގެ މައްސަލަ ދިރާސާ ކުރަމުން ދިޔަ ވަގުތު މެމްބަރުންގެ މެދުގައި މައްސަލަ ވަނީ ހޫނުވެފައެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެފައިވަނީ މި މައްސަލައިގައި ހިމެނޭ ޑރ. އިސްމާއިލް ލަތީފްގެ މައްސަލައަށް ނުފޫޒު ފޯރުވިކަމަށް ބުނާއިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ވަކީލުގެ ފަރާތުން ޓައިމްލައިންތަކެއް ހުށައަޅާފައިވާ ކަމަށެވެ. އެހެންކަމަށް ވުމާއެކު އެކަމަށް ޖެއެސްސީން ރިޔާއަތް ނުކޮށް އޮތް ކަމަށް މެމްބަރު ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައެވެ.

މެމްބަރު ވަނީ ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން ފޮނުވާފައިވާ ރިޕޯޓުގައި ކަންކަން ވަނީ ރަނގަޅަށް ކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވޭނެތޯ ސުވާލު އުފައްދާފައެވެ. ނާޒިލް ވިދާޅުވީ މިމައްސަލައިގައި ހިމެނޭ އެކިފަރާތްތައް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ޖެހޭ ކަމަށާއި އެގޮތުން ފުލުހުންވެސް ގެންނަން ޖެހޭ ކަމަށެވެ.

”ފުލުހުންގެ ބޮޑީ ކެމްއިން ފެންނަން ހުންނާނެ، ވަރަށް ސާފުކޮށް ފެންނާނެ. އެހެންވީމާ އަޅުގަނޑުމެންނަށް މި ރިޕޯޓް އޮތީ ކިހިނެތްތޯ ސާފުކޮށްލަން އަޅުގަނޑުހަމަ އެދޭތީ އެވާހަކަ ދަންނަވާލަން ބޭނުން. ބަރަހަނާ ހާލުގައި ނެތް ކަމަށް ވަރަށް ސާފުކޮށް އެބައޮތް އެނގެން. ފޮތިގަނޑު ނެގީ ކާކުތޯ. ކާކުތޯ ބަރަހަނާ ކުރީ، އެޔެއް އެނގޭނެ ފުލުހުންނަށް ވަރަށް ސާފުކޮށް“

ޖުޑިޝަރީ ކޮމިޓީ ކުރިއަށް ދަނިކޮށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައެވެ. އެހެންނަމަވެސް އެމްޑީޕީގެ މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް އަދި ނާޒިލްވެސް ވަނީ ޖަލްސާ ސިއްރު ކުރުމާއި ދެކޮޅު ހައްދަވާފައެވެ. އެގޮތުން ނާޒިލް ވިދާޅުވީ ޖަލްސާ ސިއްރު ކުރެވޭ ގޮތް ގަވައިދުގައި އޮންނާނެ ކަމަށެވެ. ނާޒިލް ވިދާޅުވީ ހަމަ މީހަކު ބުނެލާއިރަށް ޖަލްސާއެއް ސިއްރެއް ނުކުރެވޭނެ ކަމަށެވެ.

”ވޯޓަށް ދާންޖެހޭނީ ސިއްރު ކުރެވޭ ހާލަތެއް އޮތިއްޔާ. ސިއްރު ކުރަންޖެހޭ ހާލަތެއް ނެތި ވޯޓެއް ނަގާކަށް ނުޖެހޭ“

ކޮމިޓީ ސިއްރު ކުރަން ހުށައެޅި ހިސާބުން މެމްބަރުންގެ މެދުގައި މައްސަލަ ހޫނުވެގެން ދިޔައެވެ. އަދި ކޮމިޓީ ސިއްރު ކުރެވިދާނެ ހާލަތްތައ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވަނީ ވިދާޅުވެފައެވެ. އަދި އެއަށް ފަހު ކޮމިޓީ ސިއްރު ކުރަން ވޯޓަށް އެހުމައިއެކު އެމްޑީޕީގެ ދެ މެމްބަރުން ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދާނަމަ އެހެންމެމްބަރުން އެކަން ކުރެއްވުމަށް ވަނީ ވިދާޅުވެފައެވެ.

މެމްބަރުން ފާހަގަކުރެއްވީ މި މައްސަލައިގައި ހިމެނޭ ކަންކަން މީގެކުރިން ވަކީލުންގެ ފަރާތުން ލައިވް ޓީވީގައި ހިއްސާކޮށްފައިވާ ކަމަށާއި އެހެންކަމުން ކޮމިޓީ ސިއްރުކުރަން ނުޖެހޭ ކަމަށެވެ. ކޮމިޓީ ކުރިއަށް ގެންދަނީ ހުދުމުހުތާރުކޮށް ކަމަށާއި ޖޭއެސްސީންވެސް ކަންކަން ކޮށްފައިވަނީ ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ މެމްބަރު ނާޒިލް އަދި މައުރޫފް ވަނީ ކޮމިޓީ ދޫކޮށް ވަޑައިގެންފައެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.

ޖޭއެސްސީން 4 މެއި ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓިން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަނެ، ފާހަގަކޮށްފައިވާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: