ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޑައިރެކްޓް ވޯޓިން ނިޒާމެއްގެ ބޭނުން އެބައޮތް!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހަކީ ދިވެހިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ އެންމެ އިސް ސަފެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ މަތިން އެ އަސާސްއާއި އެއްގޮތަށް އަމަލުކުރެވޭކަމާއިމެދު ގިނަ ސުވާލުތަކެއް އުފެދި އިންތިހާބުވުމަށްފަހު މެމްބަރުން މަސައްކަތްތައް ކުރަނީ އަމިއްލަ މަސްލަހަތަށްޓަކައި ކަމަށް ބުނާ އަޑުވެސް ގަދަވެއްޖެއެވެ. މިއީ ކަންބޮޑުވުމެކެވެ.

މަޖިލީހުގައި މަސައްކަތްތައް ކުރެވެން ޖެހެނީ ދިވެހިން އެދޭ ގޮތެއްގެ މަތިން ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ނަމަވެސް ހުށައެޅޭ ބިލުތަކާއި ބަލާ މައްސަލަތަކުގެ މައްޗަށް ވެސް ރައްޔިތުންގެ އިހުތިޔާރެއް އޮތްކަމަށް ފެނިގެން ނުދެއެވެ. ދާއިރާއެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ ހަޅުތާލުކުރި ނަމަވެސް ނޫނީ ރައްޔިތުން ތެރޭގައި މެމްބަރަކާއި މެދު ރުޅިވެރިކަން އުފެދި ރަށަށް އަރަން ދަތިވާ ހާލަތަށް ދިޔަނަމަވެސް ވޯޓުދެނީ ރައްޔިތުންގެ ބަދަލުގައި އެބަޔަކުގެ މަސްލަހަތަށް އެންމެ ފަހި ގޮތެއްގެ މަތިންނެވެ. އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އޭރުގެ މަޖިލީހުން ޖީއެސްޓީ ބޮޑުކުރުމަށާއި ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނަގާ ގޮތަށް ނިންމަން ކުރި މަސައްކަތްތަކަކީ އޭގެ މިސާލެކެވެ. މުޅި ގައުމެއް އެއްބަސްވުންތަކަކާއި މެދު ކަންބޮޑުވެ ހާމަކުރުމަށް ގޮވާލަމުންދިޔައިރު އެ އެއްބަސްވުންތައް ހާމަކުރުމާއި ހިސާބަށް މެމްބަރުންނަށް ވާސިލުނުވުނެވެ.

ވެރިކަން ބަދަލުވެގެން އައި ނަމަވެސް ދިވެހިންގެ ތެރޭގައި އޮތް އެ ހިތްދަތިކަމަށް ހައްލެއް ނާދެއެވެ. މިއަދު އޮތް މަޖިލީހަކީ ރައްޔިތުންނަށް ފެންނަ ގޮތެއްގެ މަތިން އިންތިހާބުކޮށްފައިވާ މަޖިލީހެއް ނަމަވެސް އެ މަޖިލީހުން އަމަލުކުރަނީ އެންމެ އެދެވޭ ގޮތެއްގެ މަތިން ނޫންކަމަށް ބުނާ އަޑުތައްވެސް މަޑެއް ނޫނެވެ. ނަމަވެސް މަޖިލީހެއްގެ މައްޗަށް ރައްޔިތުން އިތުބާރު އޮތުމަކީ ގައުމެއްގެ އެތެރޭގެ މަސްލަހަތު ދެމެހެއްޓިފައި އޮތުމަށް އެންމެ މުހިންމު އެއް ކަންތައްކަމަށްވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަކީ އެދެވިގެންވާ ކަމަށްކަށް ވެގެންދާނެކަން ޔަގީންވެއެވެ. ޑިމޮކްރެސީއެއްގައި އިހުތިޔާރު އޮތް އިރު އެ އަސާސްތަކާއި އެއްގޮތަށް އަމަލުނުކުރަންވީ ސަބަބެއް ނެތެވެ. މިއަދު ކަން އޮތްގޮތުން މެމްބަރުންނަށް ރައްޔިތުންގެ ލަފާ ހޯދުމުގައި އެއްވެސް ހުރަހެއް ނެތެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ މަޖިލީސްތަކުން މަސައްކަތްކުރާ ގޮތްތަކަށް ބަލާއިރު ކޮންމެ ބިލަކަށް ވޯޓުދޭއިރު ރައްޔިތުންގެ ގާތުގައި އެހުން ގާނޫނީގޮތުން ލާޒިމުކުރެވިފައި އޮތްތަން ފެންނާކަށް ނެތެވެ. ނަމަވެސް އެއީ އެކަން ނުކުރެވޭނެ ސަބަބެއް ނޫނެވެ. އަދި ބައެއް ގައުމުތަކުގައި އޮންނަ ޑިމޮކްރެޓިކް ވެށީގެ ތެރެއިން ރައްޔިތުންގެ މަޝްވަރާ ހޯދުމަކީ އެދެވޭ ސިފައެއްގެ ގޮތުގައިވެސް ބަލައިގަނެފައިވާކަން ފެނިގެންދެއެވެ. ރާއްޖޭގައިވެސް ކުރަމުންދާ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކާއިއެކު އަންނަމުންދާ ބޮޑެތި ކުރިއެރުންތައް މެދުވެރިކޮށް ކޮންމެ މީހަކުވެސް ހިޔާލު ހޯދާލެވިދާނެއެވެ. ގަޑުބަޑު ނުކުރެވޭނެ ފަދަ ޕޯލްއެއް ނަގާލުމަކީ މިއަދު ނެތް ފުރުސަތެއްކަމަށް ނުދެންނެވޭނެއެވެ. އަދި ގާނޫނީގޮތުންވެސް މިކަމަކީ ކުރަން ލާޒިމުކަމެއްގެ ގޮތުގައި ހެދުމަށްވެސް ހުރަހެއް ނެތެވެ. މިއަދުވެސް އޮތީ ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ރައްޔިތުން ބާރުވެރިކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާކަމަށް ބުނާ މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ.

ބައެއް ޑިމޮކްރެޓިކް ނިޒާމުތަކުގެ ތެރޭގައި ބިލުތައް ފާސްކުރުން އަދި އެހެނިހެން ބޮޑެތި ނިންމުންތަކުގެ ކުރިއަށް މެމްބަރުން ގޮސް އިންތިހާބުކުރި ރައްޔިތުންގެ ގާތުގައި އެކަމާއިބެހޭ ގޮތުން ސުވާލުކޮށް ހެދުމަކީ ބާރުއަޅާ އެދެވޭ ސިފައެކެވެ. މިކަން ކުރަނީ އާންމުކޮށް ހުޅުވާލެވިފައިވާ ފެންޑާތަކުގައި ރައްޔިތުންނާއި ބައްދަލުކޮށްގެންނާއި ދިރާސާތައްކޮށްގެން ހިޔާލު ހޯދައިގެންނާއި ސީދާ ވަކިވަކި ފަރާތްތަކާއިއެކުވެސް މަޝްވަރާކޮށްގެންނެވެ. މިފަހުން ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ މިގޮތަށް އަަމަލުކުރައްވާފައެވެ. އެމަނިކުފާނުވަނީ ޖެނެރޭޝަނަލް ބޭންއެއް ގެނައުމުގެ ކުރިން ރައްޔިތުން އެކަމާއިމެދު ދެކޭ ގޮތް ބެއްލެވުމުގެ ގޮތުން ޕޯލްއެއް ކުރިއަށް ގެންގޮސްފައެވެ. އެހެންކަމުން އެފަދަ ރައްކައުތެރި ވަރުގަދަ ނިޒާމެއް ރާއްޖޭގެ އެކުވެރި ގައުމުތައް މެދުވެރިކޮށް ފަރުމާކޮށްގެން މަޖިލީހުން ރައީސް އެ ގެންގުޅުއްވާފަދަ ރިވެތި ސިފަތަކާއި އެއްގޮތަށް އަމަލުނުކުރަންވީ ސަބަބެއް ނެތެވެ. މަޖިލީހުގެ މައްޗަށް އިތުބާރު ހޯދަން މިފަދަ ކަމެއް ކުރަންޖެހޭކަން އިވޭ އަޑުތަކުން ކަށަވަރުވެއެވެ.

ދިވެހިން ދަންނާނެ ވަރުގަދަ ބިޔަ އަދި ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ސްވިޒަލެންޑަކީ ޑިމޮކްރެޓިކް ނިޒާމު ފައްކާ ކޮށްފައިވާ އެއް ގައުމެކެވެ. އެ ގައުމުގައި އޮންނަ ޑައިރެކްޓް ޑިމޮކްރެސީ ނިޒާމުގެ ތެރެއިން ގައުމުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އަދި ހިޔާލު ހިމެނިގެންދާކަން ކަށަވަރުކުރެވިގެންދެއެވެ. އެ ނިޒާމުގެ ތެރެއިން ގާނޫނީގޮތުން ނިންމޭ ގިނަ ކަންތައްތަކެއްގައި މެމްބަރުންގެ ބަދަލުގައި ސީދާ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކުރެވިފައިވެއެވެ. އެއީ ފެންނަ ނުފެންނަ ވޯޓުތަކެކެވެ.

އެހެންކަމުން މަޖިލީހުގެ މެމްބަރުން އަދާކުރަންޖެހޭ ދައުރު ކުޑަވެގެންދިއުމާއިއެކު ދައުރަކަށްފަހު ދައުރެއް މެމްބަރުންގެ އަދަދު އިތުރުވެގެންދާ މައްސަލައަށްވެސް މިކަން މެދުވެރިކޮށް ކޮންމެވެސް ހައްލުތަކެއް އަންނާނެއެވެ. ޑެންމާކް ފިންލެންޑް އަދި ނޯވޭ ފަދަ ގައުމުތަކަށް ބަލާއިރު ސިޔާސީގޮތުން ހަރަކާތްތެރިވާ މީހުން އާންމު އުސޫލެއްގެ ގޮތުގައި ގައުމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް ގަނައުމުގެ ކުރިން ރައްޔިތުންގެ ގާތަށްގޮސް ހިޔާލު ހޯދައި އެކަމަށް ބޭނުންވާ ތާއީދު އޮތްކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްތައް ކުރާކަން ފެނިގެންދެއެވެ.

ސްވިޒަލެންޑްގައި ފަހުގެ ތާރީހުގައި ރައްޔިތުންގެ ވޯޓާއިއެކު ގެނައި ސިޔާސަތުގެ ބަދަލުތަކަށް ބަލާއިރު އެ ގައުމުގެ ހަކަތަ އުފެއްދުމުގެ ނިޒާމު ދެމެހެއްޓިނިވި ހަކަތައިގެ މަގަށް ބަދަލުކުރުމަށްޓަކައި ނިންމި ނިންމުން ފާހަގަކުރެވެއެވެ. މިއީ 2024 ވަނަ އަަހަރުގެ ތެރޭގައި ނިންމި ކަމެކެވެ. އެ ގައުމުގެ ސަރުކާރުންވަނީ ސޯލާ އަދި ވަޔާއި އޮޔެވަރުގެ ބޭނުން ހިފައިގެން ކަރަންޓު އުފެއްދުމުގެ ނިޒާމަކަށް ބަދަލުކުރަން ފެށުމުގެ ކުރިން އެއީ ރައްޔިތުން އެދޭ ގޮތްތޯ ކަށަވަރުކޮށްފައެވެ.

ޑެންމާކުގައި ވައި ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިޔާލުކުރުމާއިއެކު ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުންވަނީ ގައުމުގެ ރައްޔިތުންނާއި ކަމާއިބެހޭ މާހިރުންގެ ހިޔާލު ހޯދާފައެވެ. އަދި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދު ފުޅާކުރުމުގެ ތެރޭގައި ތިމާވެއްޓަށް ލިބިގެންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވަށާޖެހޭ މަގުޗާޓެއް އެކުލަވާލެވިފައިވެއެވެ.

އެހެންކަމުން ރާއްޖޭގައިންވެސް ޑިމޮކްރެސީގެ ދިގު ދަތުރެއް ކޮށްފައިވާއިރު މިއަދު ރައްޔިތުންގެ ތެރޭގައި ސިޔާސީ ވެރިންނާއި ޕާޓީތަކުގެ އިތުރުން އެކުލަވާލެވެމުންދާ ސިޔާސަތުތަކަށް އޮތް ނުރުހުމާއި ކަންބޮޑުވުންތައް ފިލުވާލުމަށްޓަކައި ހަގީގަތުގައި ރައްޔިތުން ބާރުވެރިވެގެންދާފަދަ މަގަކުން ސިޔާސަތެއް އެކުލަވާލައި އެގޮތުގެ މަތިން އަމަލުކުރަން ފެށުން މުހިންމެވެ. ރަނގަޅަށް ކުރަމުންދާ ކަމަކަށް ރައްޔިތުން ނޫނެކޭ ނުބުނާނެއެވެ. މަދުބަޔަކު ނުރުހުނަސް ފައިދާހުރި ކަމެއްގައި ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބޭނެއެވެ. މިއީ ވެރިކަމެއްގެ މައްޗަށް އިތުބާރު ގާއިމުކޮށް އެއީ ހަގީގަތުގައިވެސް ރައްޔިތުންގެ ވެރިކަމެއްކަން ޔަގީންކޮށްދިނުމަށްޓަކައިވެސް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކެވެ. ގައުމާއި ގުޅޭ ބޮޑެތި ކަންކަން ނިންމާއިރު ރައްޔިތުންގެ ގާތުގައި އެހުމަކީ ކޮންމެހެވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: