ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކޮށް 8 މަސްދުވަސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ދޮގުކޮށްފިއެވެ. .
މިކަމާ ގުޅިގެން ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ އަދާހަމައަށް ދައްކާފައިވާ ކަމަށެވެ. އަދި ޕެންޝަނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއެކު މަޝްވަރާކޮށް، ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ވެމްކޯގެ މާލީ ހާލަތާ ގުޅޭގޮތުން އެ ކުންފުނިން ހާމަކޮށްފައިވަނީ، ކުންފުނީގެ ޚަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީންކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 66 މިލިއަނެއްހާ ރުފިޔާ އަދިވެސް ނުލިބިވާކަން ފާހަގަކޮށްފައިވެއެވެ.
އިތުރަށް ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މުވައްޒަފުންގެ މުސާރައާއި ޕެންޝަން ފައިސާގެ މައްސަލަ ހައްލުކުރުމަށް ޕެންޝަން އޮފީހާއެކު މަޝްވަރާކޮށް، ފަސޭހަ އިންތިޒާމަކުން ފައިސާ ދެއްކޭނެ ގޮތަކާމެދު ދެ އިދާރާއިން ވަނީ އެއްބަސްވެފައެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރާއި ވެމްކޯގެ އިދާރާއަށް މުވައްޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

