ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ނަރުހުންގެ އަގު ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުުގެ އަމާޒަކީ ނަރުހުންގެ ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައެވެ. އެ ޚިތާބުގައި ރައީސް ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފްވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް ޚާއްޞަ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަވާފައެވެ.

ރައީސް ވިދާޅުވީ، ”ނަރުސް“ މިނަމަކީވެސް އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެއް ކަމަށެވެ. ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

ޙަޤީޤީތުގައި، ނަރުހުންނަކީ، ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ. މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރެވެ. ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބުއްދިވެރި ބަހެއްގައި ”އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި“ ބުނަނީވެސް ނަރުހުން ދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މިކަމުން ދޭހަވަނީ، މިފަދަ ބުރަ، ޤައުމީ އަދި އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށެވެ.

ހަމައެއާއެކު، ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޤައުމަށް ބޭނުންތެރި މި ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން ބަލިމީހާއާއި، ޢާއިލާއާއި، ޑޮކްޓަރާ މުޢާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ޙާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަންވެސް ޖެހޭ ކަމަށާއި، ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި، ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ޚިދުމަތުގައި ހުންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ނަރުހުންގެ އަޑުއަހައި އިޖާބަދީ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ ޢާއިލާއަކީ، ދުނިޔެއަކީ، މިތުރުންނަކީވެސް ނަރުހުންނެވެ. ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ، އިޙްސާންތެރިކަމާއި ރަޙުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުމެވެ.

ރައީސް ވިދާޅުވީ، ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުޢާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމަށެވެ.

އެހެންކަމުން ނަރުހުންގެ އަގުހުރި ޤައުމީ ޚިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ނުވަތަ ތަޢުބީރުކުރުންތަކަކުން ޝުކުރު އަދާ ނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ޙާލަތްތަކާއި، ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ޚިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދައެއް ނުކުރެވޭނެކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ 12 މެއި ގައެވެ. ކޮންމެ ގައުމެއްގައިވެސް ނަރުހުން ވަނީ އެ ގައުމެއްގެ ރައްޔިތުންނަށްޓަކައި އެތައް ގުރުބަނީ އެއްވާ މުހިންމު ބަޔަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: