އިންޑިއާގެ އެސްއައިބީއަށް ދިވެހި ސަރުކާރުން ވިއްކި ޓީބިލުގެ ތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ފަސްކޮށްދީފައިވާކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެފި އެވެ.
މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ސްޓޭޓް ބޭޏްކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓު ސަޕޯޓަށް 2019 ގައި ހޯދި 200 މިލިއަން ޑޮލަރުގެ ބައެކެވެ. އޭރު ދިން ބައިތަކުގެ ތެރެއިން 150 މިލިއަން ޑޮލަރު ލިބިފައި ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. ބާކީ 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.
ސަރުކާރުން ވަނީ އަނބުރާ ދައްކަން ޖެހޭ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަނބުރާ ދައްކާފަ އެވެ. އަދި އިތުރު 50 މިލިއަން ޑޮލަރު 2024 ގެ މޭއި މަހުގެ ނިޔަލަށް ދައްކަން އޮތް ނަމަވެސް އިންޑިއާއިން އެއް އަހަރަށް މުއްދަތު ދަންމާލި އެވެ. އެއަށް ފަހު މި މަހަށް މުއްދަތު ހަމަވާތީ، ޓީބިލު ދެއްކުން އަނެއްކާވެސް އިންޑިއާއިން ވަނީ ފަސްކޮށްދީފަ އެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމަކީ ދެ ގައުމުގެ އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ހެއްކެއް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެ ގައުމުގެ ފުރިހަމަ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ އުންމީދު ކުރާކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ދިވެހި ސަރުކާރުން އެދުނު ގޮތަށް ޓީބިލު ދެއްކުން ފަސްކުރީ އެއް އަހަރު ދުވަހަށް ކަމަށެވެ. އަދި އެ ގައުމުން ގެންގުޅޭ ”ނެއިބަހުޑް ފަސްޓް“ ޕޮލިސީގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަގުތުތަކުގައި މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށް ވަނީ ބުނެފަ އެވެ.
މި ބަޔާނުގައި ހައިކޮމިޝަނުން ވަނީ އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިތުރުކޮށްފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

