ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި ތަރައްގީގެ ޕްލޭނުގައި އޮތީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސުވާލު ކުރެއްވީ މަގޫދޫގައި ފަށައި މިހާރު ހުއްޓިފައިވާ އެއާޕޯޓު މަޝްރޫއު އަލުން ފަށާނެތޯ އާއި އެ މަޝްރޫއު ނިމޭނެ ތާރީހަކާ ގުޅޭ ގޮތުންނެވެ. އަދި ރަންވޭގެ އޭބީސީ ލޭޔަރު ވެސް އަޅާ ނިމިފައިވަނިކޮށް މަޝްރޫއު ހުއްޓާލައިފި ނަމަ ރައްޔިތުންގެ ފައިސާ އިން އިސްރާފުވާނީ ކިހާ ފައިސާއެއްތޯ ވެސް އެ މެންބަރު ސުވާލުކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ މި ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ދައުރު ތެރޭ އެ އެއާޕޯޓު ހުޅުވާނެ ކަމަށެވެ.
”އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދުވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫން.“
މުއްތަލިބު ވިދާޅުވީ މަގޫދޫގައި އެއާޕޯޓު އަޅަމުން އަންނަނިކޮށް ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހުނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތުގައި މިވަގުތު ލަސްތަކެއް އުޅުނު ނަމަވެސް މަޝްރޫއު ނިންމައި އެ އެއާޕޯޓަކީ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

