ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ދެކޮޅު ނޫންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި ގުޅިގެން ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ މި ބިލުގެ ދަށުން އެޅޭ ހުރިހާ އެއާޕޯޓެއްވެސް އަޅަންވާނީ ދެކޮލޫ ޖެހޭ ގޮތަށް ކަމަށެވެ. އަދި ބަޖެޓަށްވެސް ބާރުބޮޑު ނުވާނެ ގޮތަކަށް ކުރިއާކައި ކަންކަން ޕްލޭން ކުރެވިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލލު ކުރައްވާ ކަމަށް ޒިޔާދު ވަނީ ވިދާޅުވެއްފައެވެ.
ޒިޔާދު ވިދާޅުވީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ދާއިރު ސިޔާސަތުތައް ބަދަލުވުމުން އޭގެ އަސަރު ވަރަށް ބޮޑު ކަމަށެވެ.
މީގެކުރިން ވެސް އެކަން ތަޖުރިބާ ކޮށްފައިވާ ކަމަށާއޮ އެގޮތުން، ގުޅީ ފަޅުގައި ހުރި ހައުސިންގ ޔުނިޓާއި އަދި ކުޅުދުއްފުށި އަދި ދިއްދޫގައި ހުރި ހައުސިންގ ޔުނިޓު 5 އަހަރު ހުރީ ހުއްޓިފައި ކަމަށް ވިދާޅުވިއެވެ.
”އެހެން ހުންނަން ޖެހެނީ ބޮޑު ޕްލޭނެއް، ގައުމީ ލެވެލްގެ ޕްލޭނެއް އެކުލަވާލެވިފައި ނެތީމަ. ސަރުކާރު ތަކުން ސިޔާސަތުތަކަށް ބަދަލުތައް އަންނާނެ އެކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެކަން ގަބޫލު ކުރަމުން އަޅުގަނޑު ފާހަގަކޮށްލާނަން މި މައުލޫގައި ބަހުސް ކުރައްވަމުން މެމްބަރުންވެސް ފާހަގަކުރި އަޅުގަނޑުމެން މި ޕްރޮޖެކްޓުތަކަށް ހުރަސް ނޭޅޭ ގޮތަށް ގައުމުގެ މަސްލަހަތައް ބޮޑަށް އިސްކަން ދީގެން މި މަސައްކަް ކުރަން“
ޒިޔާދު ވިދާޅުވީ އިދިކޮޅު ޕާޓީއަކަށް ނިސްބަތްވިޔަސް މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވަނީ ޕްރޮޖެކްޓުތަކަށް ހުރަސް ނޭޅޭ ގޮތަށް ގައުމުގެ މަސްލަހަތައް ބޮޑަށް އިސްކަން ދީގެން ކަމަށެވެ.
މެމްބަރު ވިދާޅުވީ 8.8 ބިލިއަންގެ މަޝްރޫއުއާއި އެމްޑީޕީގެ މެމްބަރުން ދެކޮޅު ނޫން ކަމަށާއި އަދި މި ބިލާއިވެސް ދެކޮޅު ނޫން ކަމަށެވެ.
މީގެއިތުރުން ޒިޔާދު ވިދާޅުވީ ރާއްޖެއަށް ބޮޑެތި ޕްރޮޖެކްޓުތައް ގެންނަން ޖެހޭ ކަމަށާއި އަދި ވިހާވެސް އަވަހަށް މި ޕްރޮޖެކްޓުތައް ފަށަން ޖެހޭ ކަމަށެވެ.

