ރ ފުއްގިރި ހިޔާނަތުގެ މައްސަލައިގައި ސަން އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ މެންދުރު 13:00 ގައެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވަނީ ދައުލަތުން އެދިގެންކަމަށް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންއާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާާތާއި ގުޅިގެން އެ ކުންފުނިން ވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދައްކައި، 1،117،000 އެމެރިކާ ޑޮލަރުގެ ޗެކަށްވާ ފައިސާ ޔާމީނަށް ރައްދުކޮށް، މަނީ ލޯންޑަރިންއަށް ފަށަލަކޮށްފައެވެ.
ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 15 ޝަފަހީ ހެއްކާ 67 ކިތާބީ ހެކި ހުށަހަޅާފައެވެ. އަދި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ޕެންޑޯރާ ޕޭޕަރސް އިން ލީކުވި މައުލޫމާތުތަކުން ލިބުނު އައު ހެކިތަކެއް ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހެކީގެ ގޮތުގައި ހުށައަޅާފައެވެ.
މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އެގޮތުން ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އެންމެ ފަހުން ބޭއްވި އަޑުއެހުމަކީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.
އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ނަރީޝްގެ އިތުރުން، އެފްއެސްމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދެވެން ނެތްކަމަށް އަންގާފަ އެވެ. ދެ ބޭފުޅުންގެ މައްޗަށް ހައްޔަރު އަމުރެއް ނެރެ، ކޯޓަށް ހާޒިރު ކުރުމުގެ ފުރުސަތު އެބައޮތްކަމަށް މައްސަލަ ބައްލަވާ ގާޒީ ފާހަގަކުރެއްވުމުން ރައީސް ޔާމީންގެ ފަރާތުން ވިދަޅުވީ އެއްވެސް ބަޔަކަށް މަޖުބޫރުކަމެއް ނެތްކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ބައިތިއްބައި ހައްޔަރުކޮށްގެން، ހެކިބަސް ނެގުމަށް ބޭނުން ނުވާކަމުގައި ވިދާޅުވި އެވެ.

