ހުޅަނގު މޫސުން ގަދަވުމާއިއެކު، މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ދިވެހިރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
މި ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 1:15 އިން ފެށިގެން އިރުއޮއްސި 6:15 ގެ ނިޔަލަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ހުދު ސަމާލު ނެރެފައިވާ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް، ގަޑިއަކު 19 މޭލާއި 24 މޭލުގެ ދެމެދުގެ ބާރުމިނަށް ވައިޖެހުމުގެ އިތުރުން ވިލާގަނޑު 40 މޭލަށް ބާރުވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެއެވެ.
މީގެއިތުރުން ފާއިތުވެގެންދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް މޫސުމާ ގުޅޭ ސަމާލު މެޓް އޮފީހުން ވަނީ ނެރެފައެވެ.
ދިވެހިރާއްޖެއަށް ހުދުސަމާލުނެރެފައިވާއިރު، މި މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ހުޅަނގުމޫސުން ވާނީ ފެށިފައިކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިއުލާނުކޮށްފައެވެ.
މިކަމާއި ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާކަމަށެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދު ރާއްޖެތެެރެއަށް ފޯރާނެކަމަށާއި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މުށުން ފެށިގެންދާނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ
މި ހާލަތާއި ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިންވަނީ ކަނޑުގެ ދަތުރުފަތުރު ކުރަން ރާވާފައިވާ ފަރާތްތަކަށް މޫސުމަސް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

