މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި، އަތުލައިގަންނަމުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ އަހާ ފޯރަމްގައެވެ. މިއީ ރައްޔިތުންނާއި ވީހާވެސް ގާތުން ސަރުކާރުގެ ކަންކަން ބައްޓަން ކުރުމުގެ ނަމުގައި އާންމުންނަށް ވަޒީރުންނާއި ސުވާލުކުރެވޭނެ ފުރުސަތު ދީގެން ކުރިއަށް ގެންދާ ފޯރަމެކެވެ.
އެގޮތުން މިރޭ އޮތް ފޯރަމްގައި އެންމެ ފުރަތަމަ މިނިސްޓަރު އިހުސާންއަށް އަމާޒުކުރި ސުވާލަކީ މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު، ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ އެކީ ނެތިގެން ދާނެކަމަށް މިނިސްޓަރު އެހާ ޔަގީންކަމާއިއެކު ވިދާޅުވަނީ ކީއްވެގެންތޯއެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ މިފަދަ ކަންކަމުގެ އެންމެ މަތީގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމަށްކަމަށެވެ. މިހާތަނަށް ހިންގި އޮޕަރޭޝަންތަކުން ލިބުނު ކާމިޔާބީތައް ހިއްސާ ކުރައްވާ އިހުސާން ވިދާޅުވީ ފުވައްމުލަކުގައި މިފަދަ ކުށް ތަކަށް އަރައިގަތުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުން މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހުންގެ މައްސަލަތައް ކޯޓުތަކުގައި ބަލަމުންދާކަމަށާއި، އެމީހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި ބޯޑަރުން އެތެރެވާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ޕޯސްޓާއި އެއާޕޯޓުގެ ޒަރިއްޔާއިން އަންނަ ޕެކޭޖުތައް ސްކޭން ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. ސީކާކޯއިން އަންނަ ކޮންޓަައިނަރުތައް ސްކޭން ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން އެހެން ސަރުކާރުތަކާއި ހިލާފަށް މިފަހަރު މަސްތުވާތަކެތީގެ މައްސަލައަށް މި އެޑްރެސް ކުރަނީ ސަޕްލައި ރިޑަކްޝަން ސައިޑަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން.
މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި، އަތުލައިގަންނަމުންދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަތޮޅުތެރޭގައި މަސްތުވާތަކެތީގެ ވިއުގާތައް ހިންގާ މީހުން އަތުލައިގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެމީހުންގެ ފައިސާ ސީޒްކޮށް، އެމީހުންގެ ވިޔަފާރިތައް ހުޓުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނެޝަނަލް ޑްރަގް އެޖެންސީއާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު ތަނުގެ ކެޕޭސިޓީ ވަރަށް ކުޑަކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އަޅާލާ، ފަރުވާ ދިނުމަށް ފެސިލިޓީތައް ގާއިމްކޮށްފައި ނެތްކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން އެންމެ އިސްނަގައިގެން ކުރާ މަސައްކަތަކީ ކެޕޭސިޓީ އިތުރުކޮށް، ފަންނީ މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެވެ.

