ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެކި މީހުން މެދުވެރިކޮށް މެސެޖުކޮށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދުކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު އެންމެ ބާރަށް ދެކެވެމުން ދަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލަ އެވެ. ސަސްޕެންޑު ކުރުމާއި އެކު ސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދިން ނަމަވެސް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ގެންދަވަނީ އެބޭފުޅުންގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
ސަސްޕެންޝަނުގެ މައްސަލައިގައި ތިން ބޭފުޅުންގެ ފަރާތުން ވެސް ނުފޫޒުގެ ތުހުމަތު ކުރެ އެވެ. އަދި އެކަން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ސުއޫދާއި، އަޒްމިރަލްދާ އެވެ. އެހެން ނަމަވެސް އެކަން ސަރުކާރާއި ރައީސް މުއިއްޒު ދޮގު ކުރައްވަ އެވެ.
ރޭ ކުރިޔަށް ގެންދިޔަ އަހާ ފޯރަމް ބައްދަލުވުމުގައި މި މައްސަލައިގައި އާންމުންގެ މީހަކު ކުރި ސުވާލަށް އުޝާމް ވިދާޅުވީ، މި ސަރުކާރުން ނުވަތަ އޭނާ ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ވަކި މައްސަލައެއް ވަކި ގޮތަކަށް ކުރިޔަށް ގެންދިއުމަށް ބާރު އަޅުވާފައި ނުވާނެކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައުމުގެ ކުރިޔަށް ސުއޫދުއަކީ ސިޔާސީ އެކި ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅެމުން އައި ބޭފުޅަކަށް ވާތީ ހުންނާނީ ވެސް އެ ވިސްނުމެވެ. އަދި ސުލޫކީ މައްސަލައެއް ބަލަން ފަށައި ސަސްޕެންޑު ކުރުމާއި އެކު ނުފޫޒުގެ ތުހުމަތުކޮށް ސުއޫދު ދެއްވި އިސްތިއުފާގެ ސިޓީގައި ދައްކާފައިވަނީ ވެސް ސިޔާސީ ވާހަކަތަކެއްކަމަށް ބުނެ އެއަށް ރައްދެއް ވެސް ދޭން ބޭނުން ނުވާކަމަށް ވިދާޅުވި އެވެ.
މަގާމުގައި ހުންނަވައިގެން ފަނޑިޔާރުންނާއި ޖުޑިޝަރީއަށް ވެސް ނުފޫޒު ފޯރުވާފައި ވަނީ ސުއޫދުކަމަށް އުޝާމް ވިދަޅުވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވެސް އެކި މީހުން މެދުވެރިކޮށް މެސެޖުތައް ވެސް ސުއޫދު ފޮނުވިކަމަށް ވިދާޅުވި އެވެ.
އުޝާމް ވިދަޅުވީ ސުއޫދުގެ އެގޮތަށް ގެންގުޅެފައިވާ ބަސްމަގާއި، އޭނާ ކުރި މެސެޖުތަކުން އެކަނި ވެސް ނުފޫޒު ފޯރުވާކަން ސާބިތުވާކަމަށެވެ.
ހަގީގަތުގައި ނުފޫޒު ފޯރުވީ އެބޭފުޅާ.. ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެބޭފުޅާ.. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ވަނީ ހަމަ އެބޭފުޅާ..
ސުޕްރީމް ކޯޓުގެ ފަނޑިޔަރުންނަށް ގުޅައި ބިރު ދައްކާފައި ނުވާނެކަމަށް ތަކުރާރުކޮށް އުޝާމް ވިދާޅުވީ، އޭނާގެ މައްސަލައެއް ކުރިޔަށް އޮތް ތަނުގައި ނުވަތަ އެއްވެސް ޒަމާނެއްގައި ބަޔަކު ތަހުގީގުކޮށް ބެލިޔަސް ޖަވާބުދާރީވާނެކަމަށެވެ.
ފަނޑިޔާރުން ވަކި ކުރުމަށް ޖުޑިޝަރީ ކޮމިޓީން އާދީއްތަ ދުވަހު ފާސްކުރި ނަމަވެސް މި ދެ ދުވަހުގެ ޖަލްސާއަށް ވެސް އެ ނިންމުން ތާވަލުކޮށްފައި ނުވެއެވެ. އަދި ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށް ފުރުސަތު ދީ މައްސަލައިގައި އިންސާފުވެރިކޮށް ގޮތް ނިންމުމަށް ބައިނަލްއަޤުވާމީ ލޯ ފާމްތަކާއި ބާކައުންސިލްތަކުން ދަނީ ގޮވާލަމުންނެވެ.

