ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިއެއް ހުސްވުމަށް ފަހު ދައުރު ހަމަވާން ބާކީ އޮތީ ދޮޅު އަހަރު ނަމަ އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އެވެ. މިއީ މި ގާނޫނަށް މިފަދަ އިސްލާހެއް ހުށަހެޅި ދެވަނަ ފަހަރެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެމްބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދާތީ އެކަމަށް ހައްލު ގެނައުމަށެވެ. އެގޮތުން ކައިރިކައިރީގައި ބޮޑެތި ހަރަދުތައްކޮށް ބައި އިލެކްޝަން ބާއްވަން ޖެހޭތީ، ގާނޫނަށް ހުށަހަޅާ އިސްލާހުގައި ވަނީ ހިނގަމުން ދާ ދައުރުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި އިލެކްޝަންތައް ގިނަން ބާއްވަން ނުޖެހޭ ގޮތަށެވެ.
ގާނޫނަށް ހުށަހަޅާ އިސްލާހުގައި ވަނީ ކައުންސިލްއެއްގެ ރައީސްއާއި މެމްބަރުގެ ގޮނޑި ހުސްވިއިރު ދައުރުގެ ބާކީ އޮތީ 548 ދުވަހަށް ވުރެ ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި ވެސް ހަމަ އެގޮތަށް އަމަލު ކުރުމަށް ވެއެވެ.
މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން ބާއްވަން ނުޖެހެނީ ދައުރުގެ ބާކީ އެއް އަހަރު ދުވަސް އޮތް ނަމަ އެވެ. ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ އެ މުއްދަތު އެއް އަހަރާއި ހަ މަސް ދުވަސް ހިމަނައި އެވެ.
މި އަހަރުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްތު ކުރާ ބައެއް ބިލުތަކުގެ މައުލޫމާތު ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕްރެސްގައި ދީފައި ވެއެވެ. ރައީސް ވިދާޅުވީ މި އަހަރު މަޖިލީހަށް 30 ބިލެއް ފޮނުވާނެ ކަމަށެވެ.
އޭގެ ތެރޭގައި ކައުންސިލަރުންގެ އަދަދާއި ގުޅޭ އިސްލާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިގެ އިންތިހާބުގައި އަމަލު ކުރާނެ ގޮތް ހިމެނެއެވެ.

