ބޮޑުރަސްގެފާނު މަގުން ފިލައިގެން ދިޔަ ޕިކަޕަކުން މަގުމައްޗަށް ދޫކޮށްފައި ދިޔަ ކަޅު ކުލައިގެ ތިން ކޮތަޅަކުން، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ 221 ކާޓަންގެ ސިނގިރޭޓު ފުލުހުން ހޯދާފައިވާއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަންއެވެ. އެ 3 މީހުންގެ މައްޗަށްވެސް ކުރަނީ ވައްކަމުގެ ކުށުގެ ތުހުމަތެވެ.
އެ އެންމެންވެސް ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާތީ އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އެމީހުން ދިފާއުގައި ބުނީ އެ މީހުން ސިނގިރެޓް ކާޓަންތަން ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.
ބަންދާގުޅޭ މަޖިލީހުގައި މި މައްސަލައިގެ އައިއޯ ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ އެ ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށެވެ.
ހަމައެއާއެކު، އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށް އައިއޯ ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައިކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ހާމަވެގެން އައީ ފުލުހުން ރާއްޖޭގައި ހިންގަމުންދާ ވަގު ސިނގިރޭޓު އެތެރެކުރުމާއި ވިއްކުމުގެ މައްސަލަތަކާ ގުޅޭ ތަޙުޤީޤުތަކުގެ ތެރެއިންނެވެ.

