އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ތަރައްޤީ ކުރެވެމުންދާ 75 އެނދުގެ ވާރޑުގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ، އެ ވާރޑުގެ މަސައްކަތުގެ ކުރިއެރުން ބެއްލެވުމަށާއި، އެ ވާރޑާ ގުޅޭ މަޢުލޫމާތު 2025 މެއި 14 ވާ ބުދަ ދުވަހުގެ 14:00ގައި މާލެ ދާއިރާގެ މެންބަރުންނާއި، ރައްޔިތުން މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މެންބަރުން އަދި މީޑިއާގެ ފަރާތްތަކާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައިޖީއެމްއެޗަށް އެނދު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ޞިއްޙީ ވަޒީރުވެސް ދާދި ފަހުން ވަނީ ބައްލަވާލައްވާފައެވެ.
އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިންމައި މެއި މަހުގެ ތެރޭގައި އެތަން ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެނދެވެ. އެހެންވުމުގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތްތަކުގައި ދަތިކަން ކުރިމަތިވަމުންދާއިރު މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

