ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހާދަތު ހުސައިންގެ ނަމުގައި ހުޅުވާފައިހުރި ބެންކު އެކައުންޓުކުގައި 8 މިލިއަނަށްވުރެ އިތުރު އަދަދެއް ދައުރުކޮށްފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާގޮތުން ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ބިދޭސީން ގެނައުމާއި މަނީ ލޯންޑަރިންގް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހާދަތު ހުސައިންގެ މައްސަލައިގެ ތަހުގީގުނިމި ދައުވާކުރުމަށް ފޮނުވާފައިވާކަމަށެވެ. އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ޖުމުލަ 4 ވޯކް ޕާމިޓެއްގެ ބޭނުން ހިފާފައިވާ މީހެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު 2019 ވަނަ އަހަރު ރާއްޖެއަށް އައިސް ބެންކް އޮފް މޯލްޑިވްސްގައި ޖުމުލަ 6 އެކައުންޓު ހުޅުވާފައިކާމަަށާއި އެއީ ބޭރު ފައިސާގެ ތިން އެކައުންޓާއި ދިވެހި ރުފިޔާގެ ތިން އެކައުންޓުކަމަށް ބުނެފައިވެއެވެ.
އޭނާ އެންމެ ފަހުން ވޯކްޕާމިޓް ހޯދުމަށްޓަކައި ހުށައެޅި ލެޓާރ އޮފް އެޕޮއިންޓުމެންޓުގައި މުސާރައިގެ ގޮތުގައި 3000 ޑޮލަރު ބަޔާންކޮށްފައިވާކަމާއި އެއީ އެކްސްޕެޓް ނިޒާމުގައިވެސް ހިމަނާފައިވާ މައުލޫމާތުކަން ހާމަކުރިއެވެ. ޝަހާދަތު މާލޭގައި ދިރިއުޅުނީ 18000 ރުފިޔާއަށް އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެންކަމަށްވާއިރު އޭނާގެ އަތުން ހޯދާފައިވާ ފޯނާއި ލެޕްޓޮޕް ފަދަ ސާމާނުގައި ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކުންފުނިތަކުގެ ރެޖިސްޓްރީތަކާއި ޕާސްޕޯޓުގެ މައުލޫމާތު އަދި ދިވެހިންގެ އައިޑީ ކާޑު ފޮޓޯތައްވެސް ހުރިކަމަށް ބުނެފައިވެއެވެ.
ވޯކްޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓަރީ ފެނިފައިވާއިރު ޖުމުލަކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި ހަދާފައިވާ 153 އެކައުންޓެއްގެ އައިޑީ ޕާސްވޯޑާއިއެކު ހޯދިފައިވާކަމަށާއި ބޭރުގެ 7 ކުންފުންޏެއްގެ އެކައުންޓުތަކުގެ އައިޑީއާއި ޕާސްވޯޑުވެސް އޭނާ ގެންގުޅުނުއިރު ޕްރައިވެޓް ލިމިޓެޑްގެ ގޮތުގައި ކަނޑައެޅިފައިވާ 283 ކުންފުންޏެއްގެ އެކައުންޓުގެ އައިޑީއާއި ޕާސްވޯޑުވެސް ހިމެނޭކަމަށް ފާހަގަކުރިއެވެ.
އެކިއެކި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުރި 126 އެކައުންޓުގެ އައިޑީއާއި ޕާސްވޯޑުވެސް ހޯދިފައިވާއިރު އިތުރު އެހެން އެފަދަ މައުލޫމާތުވެސް ލިބިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިއީ އޭނާ އަމިއްލައަށް އުފައްދާފައިވާ އައިޑީތަކެއްގެ ގޮތުގައި ނުބެލެވޭކަމަށް ބުނެފައިވާއިރު ދިވެހިންގެ އެތައް ބަޔަކު ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއަށް ގެނެސް ވަޒީފާއެއް ނުދީ ދޫކޮށްލައިގެން މާލީ މާންފާތަކެއް ހޯދުމުގައި ބައިވެރިވެފައިވާކަމަށް ބެލެވޭކަމަށް ހާމަކުރިއެވެ.
މި މައްސަލައިގައި ޝަހާދަތުގެ އެކައުންޓުތަކުގެ ފައިނޭންޝަލް އެނާސިލިސް ހެދިއިރު 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް އޭނާގެ އެކައުންޓުތަކަށް 8 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާވެ ދައުރުކޮށްފައިވާކަން އެނގިފައިވާކަމަށާއި އެކްސްޕެޓް ސިސްޓަމަށް ވޯކްވިސާ ފީ ދެއްކުމުގެ ގޮތުން އޭނާގެ އަމިއްލަ އެކައުންޓުން 1،069،556 ރުފިޔާ ދައްކާފައިވާކަންވެސް ފެނިގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

