ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮޅު އަހަރުވީއިރު ރާއްޖެއިން ލާމަރުކަޒީ އުސޫލުތައް ނެތިދިއުމުގެ ބިރު ހީވެއްޖެ: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ދޮޅު އަހަރުވެފައިވާއިރު ރާއްޖޭގެ ގާނޫނުއަސާސީގައިވާ ލާމަރުކަޒީ އުސޫލުތައް ރާއްޖެއިން ނެތިގެން ގޮސްދާނެކަމުގެ ބިރު ހީވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިލްވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހު އޮތީ ތާކުންތާކު ނުޖެހޭ ގޮތެއްގެ މަތިންކަމަށް ވިދާޅުވެފައެވެ. މެމްބަރު ވިދާޅުވީ، ހަރަދުކުޑަކުރާ ވާހަކަތައް ދައްކާއިރު ސަރުކާރު ވުޖޫދުވެގެން އައިގޮތަށް ލާމަރުކަޒީ ގާނޫނުގެ ދަށުވެފައިވާކަމަށެވެ.

ނާޒިލް ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ މިނިސްޓްރީއެއްވެސް އުފައްދާފައިވާކަމަށާއި އެތަނަށް ބޮޑެތި ވަޒީރުންނާއި ކުޑަވަޒީރުންގެ އިތުރުން 80 ވަރަކަށް ސިޔާސީ މުއައްޒަފުންވެސް އައްޔަނުކޮށްފައިވާކަމަށެވެ. އަދި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ކައުންސިލަރުންކަމަށްވާއިރު ބައެއް ދާއިރާތަކުގައި އެ މަގާމު ހުސްވެފައިވާތާ 548 ދުވަސް ވެފައިވާނަމަވެސް މިހާރުވެސް ޕީއެންސީން ދައްކަމުންދަނީ އިންތިހާބު ނުބޭއްވޭނެ ވާހަކަ ކަމަށެވެ.

މެމްބަރު ވިދާޅުވީ، އިންތިހާބުތައް ނުބޭއްވުމަށްޓަކައި ހުއްޖަތެއްގެ ގޮތުގައި ދައްކަމުންދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ވާހަކަތައްކަމަށެވެ. އަދި ހަރަދު ކުޑަކުރަން އެދޭނަމަ ބޮޑު ވުޒާރާއެއް އުފެއްދީ ކޮން ސަބަބެއް މެދުވެރިވެގެންތޯ ސުވާލު ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، ކައުންސިލުތައެް ނުހިނގަނީތޯ ނޫނީ ހިނގަމުންދާ ވަރު ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ސާފުނުވަނީތޯ ސުވާލު އުފެދޭކަމަށެވެ. މެމްބަރު ވިދާޅުވީ، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރަނީ ކައުންސިލަރުންކަމަށްވާއިރު އެ މަގާމުގައި މީހަކު ނެތްނަމަ ހިދުމަތްތައް ހުއްޓިގެންދާ މަންޒަރު ފެނިގެންދާކަމަށެވެ.

ނާޒިލް ވިދާޅުވީ، ރަށެއްގައި ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ބޭނުންޖެހިގެން ހަރަދުތައް ބޮޑުވެގެންދާނަމަ ކައުންސިލަރަކު އިންތިހާބު ނުކޮށް ހުރުން ފަހަރެއްގައި ރައްޔިތުން ބަލައިގަނެދާނެކަމަށެވެ. ނަމަވެސް އެއްވެސް ރަށެއްގައި ޕްރޮޖެކްޓެއް ނުހިނގާއިރު ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނާއި އެންމެ ގާތުން ރަށްތަކުގައި މަސައްކަތްކުރާ މަގާމުތައް ހުސްވުމުން ދޮޅު އަހަރު ދުވަހުގެ މުއްދަތަކަށް އިންތިހާބު ނުކުރެވޭ ގޮތަށް ގާނޫނީ ބަދަލުތައް ގެންނަން ޖެހިފައިވާކަމަށް އިޝާރާތްކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ހިނގަމުންދަނީ ހިތާމަވެރިކަމެއްކަމަށާއި ސަރުކާރުން ބަޖެޓުގެ ބޭނުންކުރެވޭ ގޮތް ސާފުނުކޮށްދީ ހަރަދުކުޑަކުރަންޖެހޭ ހާލަތުގައި އެހެން މަގުތައް ހޯދައިގެން ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ފަސޭހަތަކާއި ބާރުވެރިކަން ގެއްލިގެންދާ ފަދަ ކަންކަން ކުރުން ހުއްޓާލަންޖެހޭކަމަށެވެ. ނާޒިލް ވިދާޅުވީ، ސަރުކާރަށް ދޮޅު އަހަރު ދުވަސްވެފައިވާއިރު ގާނޫނުއަސާސީގެ 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލު ނެތިގެން ގޮސްދާނެކަމުގެ ބިރު ހީވެފައިވާކަމަށެވެ. އަދި މި ސަރުކާރު ފެނިގެންދަނީ ލާމަރުކަޒީ ގާނޫނާއި އަޅައިގަނެ ނުނެއްޓިގެން އުޅޭ ސަރުކާރެއްގެ ގޮތުގައިކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: