އިމިގްރޭޝަން މުއައްޒަފުންތަކެއް ބިދޭސީންތަކެއްގެ އަތުން ނާޖާއިޒް މަންފާތަކެއް ހާސިލުކުރުމުގެ މަސައްކަތްތައް ކުރިކަމުގެ ތުހުމަތުކުރެވޭ ރެއިޑް އޮޕަރޭން ހިންގީ ކުރީގެ ކޮންޓްރޯލާރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދަށް އެނގިގެން ދުރާލާ ރާވައިގެންކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ މައްސަލައިގައި މައުލޫމާތު ދެމުން ފުލުހުން ބުނެފައިވާގޮތުން މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ލިބިފައިވަނީ 2025 ވަނަ އަހަރުގެ މާޗު 20 ވަނަ ދުވަހުގައިކަމަށެވެ. އަދި މައްސަލައިގައި 5 މީހަކު ހައްޔަރުކުރިއިރު އަދިވެސް ބަންދުގައި ތިބިކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ކުރި ތަހުގީގުގައި ސީސީޓީވީ ފުޓެޖްގެ އިތުރުން ގުޅުންހުރި ފަރާތްތަކުގެ މޯބައިލް ފޯން ފަދަ ތަކެތި އަތުލައި އެތަކެތިންވެސް ހެކި ގަރީނާ ހޯދިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެހެނިހެން ގޮތްތަކުންވެސް ހެކި ހޯދިފައިވާއިރު މިއީ ދުރާލާ ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަން އެނގޭކަން ހާމަކުރިއެވެ. އަދި މިހާރު މައްސަލައިގެ ތަހުގީގުނިމި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
ދަންވަރުގެ ވަގުތެއްގައި އިމިގްރޭޝަނުން މާފަންނުގައިހުރި ގެއަކަށް ކުރި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާއި ހިލާފަށް ލިޔެކިއުންތައް ފުރިހަމަނުކޮށްކަމަށްވެސް ބުނެފައިވެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިމިގްރޭޝަންގެ ދެ ޑިޕާޓްމެންޓެއްގެ ބެލުމުގެ ދަށުން ހިންގާ ހާއްސަ ޓާސްކްފޯސްއެއް މެދުވެރިކޮށްކަމަށްވާއިރު ހާއްސަ އިޖުރާއަތުތަކެއްވެސް އޮންނަކަން ހާމަކުރިއެވެ.
ނަމަވެސް އެރޭ ރެއިޑްކުރި މުއައްޒަފުންނަކީ އެންފޯސްމެންޓް އެންޑް ކޮމްޕްލައެންސް ޑިވިޝަން އާއި ރިސްކު މެނޭޖުމެންޓު ޑިޕާޓުމެންޓު ގުޅިގެން އުފައްދާ ޓާސްކް ފޯސްގައި ހިމެނޭ މުއައްޒަފުން ނޫންކަމަށާއި އެއީ އިސްވެ މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މަސްއޫލިއްޔަތު ލިބިފައިވާ ބައެއްވެސް ނޫންކަމަށް ހިއްސާކުރިއެވެ.
ނަމަވެސް ރެއިޑް ހިންގުމަށްފަހު އެކަމުގެ މައުލޫމާތުތައް އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުއަށް ދިނުމުން އެތަނަށް ރިސްކް މެނޭޖުމެންޓު ޑިޕާޓުމެންޓުގެ މުއައްޒަފުން ފޮނުވައި ސީން ޕްރޮސެސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޝަމްއާންއަށް އެނގިގެން ދުރާލާއި ރާވައިގެންކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް މައުލޫމާތު ދިނެވެ.
ސީނަށް އެޓެންޑުކުރި ރިސްކް މެނޭޖުމެންޓުގެ މުއައްޒަފުން ބިދޭސީންގެ އަތުން ނެގި ތަކެތި ސީލްކުރިއިރު އޭގެ ތެރޭގައި ފައިސާވެސް ހިމެނޭކަމަށާއި އެތަނުން އަތުލައިގަތް 7 ބިދޭސީން އެ މުއައްޒަފުންގެ ބެލުމުގެ ދަށުން ހުޅުމާލޭގެ ޑިޓެންޝަން ސެންޓަރަށްވެސް ގެންގޮސްފައިވާކަމަށް ފާހަގަކުރިއެވެ. އެ ދުވަހު ގިނަ އަދަދެއްގެ ފައިސާއާއިއެކު އަތުލައިގަތް ބިދޭސީ މީހާގެ ސްޕޮންސަރުގެ ނަމުގައި އޭނާ ދޫކުރުމަށް އެދި އިމިގްރޭޝަނަށް ސިޓީއެއް ހުށައަޅާފައިވާއިރު އެ ސިޓީއާއި ގުޅިގެން ޝަމްއާންވަނީ އާޖެންޓު ކަމެއްގެ ގޮތުގައި ބަލައިގެން ބިދޭސީ މީހާ ދޫކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމާއިބެހޭ ބަހާތަކަށް އަންގާފައިކަމަށްވެސް ބުނެފައިވެއެވެ.
އެ ބިދޭސީ މީހާ ހުޅުމާލޭގެ ޑިޓެންޝަން ސެންޓަރުން ދޫކުރުމަށްފަހު ގެންދިޔައީ މާލޭގެ މ ސްޓާރކްލައުޑް އިމާރާތުގައި ހުންނަ އިމްގްރޭޝަންގެ އޮފީހަކަށް ކަމަށްވާއިރު އޭނާއާއި ހަވާލުވާން އައި މީހާއަކީ ރެއިޑް އޮޕަރޭޝަން ހިންގި 3 މުއައްޒަފުންގެ ތެރެއިން އެކަކާއި އާއިލީ ގުޅުން އޮތް މީހެއްކަންވެސް އެނގޭކަމަށާއި، ބިދޭސީ މީހާ ގެންގުޅުނު ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވެފައިވާ މީހުން އެދުވަހު ޝަމްއާން ދިރިއުޅޭ ގެއަށް ދިޔަކަންވެސް ތަހުގީގުގެ ތެރެއިން ހާމަވެފައިވާކަން ފާހަގަކުރިއެވެ.

