މިނިސްޓްރީ އޮފް ސިޓީޒް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގައި ތިބި ސިޔާސީ މުއައްޒަފުންގެ 15 އިންސައްތަ އުނިކޮށްގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކައުންސިލުތަކުގެ ބައި އިލެކްޝަން ބޭއްވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށައެޅިފައިވާ އިސްލާހާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، ބިލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ތާއީދުކުރެވެން ނެތްކަމަށެވެ. ޒިޔާދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅި އެންމެ މައިގަނޑު އެއް ސަބަބު ނުވަތަ ބިލުގެ ބޭނުމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިންތިހާބުތަކަށްދާ ހަރަދު ކުޑަކުރުންކަމަށެވެ.
މެމްބަރު ވިދާޅުވީ، ހަރަދު ކުޑަކޮށް އިންތިހާބުތައް ބޭއްވިދާނެ ގޮތް އޮތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިއަދު ދިވެހިން ތިބީ އިންތިހާބީ މާހައުލަށް ފަރިތަވެފައިކަމަށާއި ރަށްތަކުގައި އިންތިހާބެއް ބޭއްވޭނެ ވަރުގެ ގާބިލުކަން ކައުންސިލުތަކުގައިވެސް ހުރިކަމަށް ހިއްސާކުރެއްވިއެވެ.
އެހެންކަމުން ގާނޫނަށް ފުލުފުލުން އިސްލާހުތައް ގެނައުމުގެ ބަދަލުގައި އެކީ އިސްލާހުތައް ގެންނަން ފެނިވަޑައިގަންނަވާކަމަށާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ ބާބު އެކީ ނެތިދިއުމުގެ ބިރު ހީވެފައިވާކަމަށް ފާހަގަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، ބިލުގައިވާގޮތުން ކައުންސިލަރެއްގެ ގޮނޑިއެއް ހުސްވުމުން އިންތިހާބުކުރުމަށް ދޮޅު އަހަރު ނަގާކަމަށެވެ.
ޒިޔާދު ވިދާޅުވީ، މި ސަރުކާރަށް ދޮޅު އަހަރުވެގެންދިޔައިރު މާބޮޑު ނަތީޖާއެއް ނެރެވިފައި ނެތްނަމަވެސް ކައުންސިލަރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އެ މުއްދަތުގެ ތެރޭގައި ރަށްތަކަށް ބޮޑެތި ބަދަލުތައް ގެންނަވާކަމަށެވެ. އެހެންކަމުން ސަރުކާރުން މިފަދަ ކަމަކަށް ބަދަލުތަކެއް ގެނައުމަށް ވިސްނަވާއިރު މިފަހުން ބޭއްވި ހުރިހާ ބައި އިލެކްޝަންތަކެއް ކާމިޔާބުކުރީ ސަރުކާރު ނިސްބަތްވާ ޕީއެންސީންކަން ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ފަހުރުވެވަޑައިގެން ފާހަގަކުރައްވާކަމަކީވެސް ފެންނަން އޮތްކަމެއް ކަމަށެވެ.
އެހެންކަމުން ކަން މިގޮތަށް އޮއްވާ ހަރަދުކުޑަކުރުމުގެ ގޮތުން އިސްލާހެއް ގެނައުމަށް މަސައްކަތްކުރުމަކީ ތާއީދުކުރެވެން ނެތްކަމެއް ކަމަށާއި ހަމައެކަނި ކައުންސިލުތަކުގެ ބަލަދުވެރި ފަރާތެއްގެ ގޮތުގައި އުފައްދަވާފައިވާ ވުޒާރާގެ ސިޔާސީ މުއައްޒަފުންގެ އަދަދު 15 އިންސައްތަ މަދުކޮށްލިނަމަވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބައި އިލެކްޝަން ބޭއްވޭނެ މިންވަރަށް ސަރުކާރުގެ ހަރަދުތައް ކުޑަވެގެންދާނެކަމަށް ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، ހަރަދުކުޑަކުރުމުގެ ގޮތުން މިގޮތުގެ މަތިން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން ރަށްތައް ތަމްސީލުކުރުމަށްޓަކައި ކަނޑައެޅިފައިވާ ގޮނޑިތަކާއި ފުރުސަތުތައް ގެއްލިގެން ދިއުންކަމަށެވެ. އަދި ރައްޔިތުންނަށް ގެއްލުންތަކެއް ނުވާގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކޮށްގެން މިކަން ކުރެވެން އޮތްކަމަށް ގަބޫލުކުރައްވާތީ ޖުމުލަކޮށް އިސްލާހާއި ދެކޮޅު ހައްދަވާކަމަށް ފާހަގަކުރެއްވިއެވެ.

