ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެންމެ 3 މެންބަރުން ކުރިމަތިލާފައިވާތީ، އިންތިޚާބު ކުރިއަށް ގެންދިއުމާމެދު ޤާނޫނީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށް، މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މި އިންތިޚާބަކީ 26 މޭ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބެއް ކަމަށްވާއިރު، އިޢުލާނުގައި ކަނޑައެޅިފައިވާ 4 މަޤާމަށް އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ، މިހާރު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ވަނީ ފާހަގަކުރެވިފައެވެ. ކޯޓަށް ދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ގާނޫނީ ވަކީލުންތަކެއް ބާރ ކައުންސިލަށް ފޮނުވި ސިޓީއެއްގައެވެ.
އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު
އިންތިޚާބުތަކަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަމާއެކު ކުރިއަށް ގެންދަންޖެހޭ ޕްރޮސެސްއެއް ކަމަށް ފާހަގަކޮށް، އިޢުލާނުގައި 4 މެންބަރުންނަށްވުރެ މަދުން ކުރިމަތިލައިފި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ކުރިމަތިލާފައިވާ 3 ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބު ބޭއްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އަލުން އިޢުލާނުކުރުމަށް ގޮވާލުން
މި މައްސަލައިގައި އިޢުލާން ބާޠިލުކޮށް، އަލުން މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ހުށަހަޅާފައެވެ. އަދި މިކަމާމެދު ބާ ކައުންސިލުން ނިންމާ ގޮތެއްގެ ސަބަބުން ވަކީލުންގެ ޙައްޤަށް އުނިކަމެއް އަތުވެއްޖެނަމަ، އެކަމުގެ ޙައްލު ހޯދުމަށް މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަން ވަނީ އަންގާފައެވެ. މީގެއިތުރުން، މައްސަލަ ނިމެންދެން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު ފަސްކުރުމަށްވެސް ވަނީ އެދިފައެވެ.

