މޯލްޑިވްސް އިމިގްރޭޝަނުން 50 އޮފިސަރ ޓްރެއިނީން ރެކްރޫޓްކުރުމަށް އިޢުލާން ކޮށްފިއެވެ. މި މަޤާމުތަކަށް މީހުން ހޮވުމަށް ވޯކް-އިން އިންޓަވިއު ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަނުން ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ސާނަވީ އިމްތިހާނުގެ ދެ މާއްދާއިން ”ޑީ“ ފާހާއި، ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިހާނުގެ ދިވެހި މާއްދާއިން ”ސީ“ ފާސް ހާސިލުކޮށްފައިވުން ހިމެނެއެވެ. ނުވަތަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން ލާޒިމްކުރެއެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 40 އަހަރުން ދަށުގެ ފަރާތްތަކަށެވެ. އަދި ހޮވޭ ފަރާތްތަކުގެ ރަސްމީ އިންޓަވިއުއާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އިމިގްރޭޝަނުން ހިއްސާކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މިއީ ޤައުމަށް ޚިދުމަތްކުރުމާއި ދިވެހިރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޚާއްސަ ފައުޖަކާއެކު މަސައްކަތްކުރުމުގެ ފުރުސަތެކެވެ. އަދި މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އިމިގްރޭޝަންގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް އަޕްޑޭޓްތައް ބަލަމުން ގެންދިއުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

