ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޕާޗާ ޓެކްސްސް ފީގެ ތެރެއިން ދެ ޑޮލަރު ޖަމާކުރަން ވާނީ ސިވިލް އޭވިއޭޝަން ފަންޑަށްކަމަށް ބަޔާންކޮށް އިސްލާހެއް!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވައިގެ ބަނދަރަކުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ޑިޕާޗާ ޓެކްސްސްގެ ގޮތުގައި ނެގޭ ފީގެ ތެރެއިން ދެ ޑޮލަރު ޖަމާކުރަން ވާނީ ސިވިލް އޭވިއޭޝަން ފަންޑަށްކަމަށް ބަޔާންކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވާފަ އެވެ. ބިލު ސްޕޮންސަރ ކުރައްވާފައި ވަނީ ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ މަދަނީ ވައިގެ ދަތުރުފަތުގެ ގާނޫނުގެ ބަދަލުގައި ޒަމާނާއި އެއަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ ކަންކަން ހިންގައި ތަންފީޒު ކުރުމަށެވެ. އަދި އެ މަސައްކަތަށް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ ވައިގެ ދަތުރުފަތުގެ ބިލާއި ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

ގާނޫނަށް ހުށަހަޅާ އިސްލާހުގައި ބޯޑު މެމްބަރުންގެ ސިފަތައް ބަޔާން ކުރާ މާއްދާގެ (ރ) އަށް ހުށަހަޅާފައި ވަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ގާނޫނީ ޝަހުސެއްގައި އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާޣ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ އޮތް ގާނޫނީ ޝަހުސެއްގެ ނަމުގައި އެއްވެސް ހިއްސާއެއް ނުވަތަ މަސްލަހަތެއް އތް މީހެއްކަމުގައި ނުވާ ގޮތަށް ބަދަލު ގެނައުމަށެވެ. އަދި ގާނޫނުގެ ދަށުން އޮތޯރިޓީން ރެގިއުލޭޓު ކުރާ އެ ނޫން ވެސް ތަނެއްގައި މަސްލަހަތު އޮތް މީހެއްކަމުގައި ވެގެން ނުވާނެކަމަށް އިސްލާހުގައި ވެއެވެ.

މީގެއިތުރުން ބޯޑު ބައްދަލުވުންތައް ބަޔާން ކުރާ މާއްދާގެ (ޅ) އަށް ހުށަހަޅާފައި ވަނީ ބޯޑުން އަވަސް ގޮތަކަށް މައްސަލައެއް ނިމައިދިނުމަށް އެދި ޗެއާމަންއަށް ލިއުމަކުން ހުށަހެޅުމުގެ އިހުތިޔާރު ޗީފް އެގްޒެކެޓިވްއަށް ދިނުމަށެވެ. އެގޮތުން ޗީފް އެގްޒެކެޓިވް ހުށަހަޅައިފި ނަމަ، ހުށަހެޅުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ބޯޑުގެ ޖަލްސާއެއް ބާއްވައި ގޮތެއް ނިންމަންވާނެކަމަށް އިސްލާހުގައި ވެއެވެ.

މީގެއިތުރުން ހުށަހަޅާފައިވާ އަނެއް އިސްލާހަކީ ގާނޫނުގެ ދަށުން އޮތޯރިޓީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ތަންފީޒު ކުރުމުގެ ބޭނުމުގައި އޮތޯރިޓީގެ މުވައްޒަފުންނާއި ކަމާއި ބެހޭ ފަރާތްތަކަށް ދޭން ޖެހޭ ހުއްދަތަށް ދިނުމަށެވެ. އަދި ދިވެހިރައްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ގުޅޭގޮތުން އޮތޯރިޓީއާއި މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވައިދުތައް ހެދުމަށް ވަނީ ބުނެފައެވެ.

އިތުރު އެހެން އިސްލާހެއް ހުށަހަޅާފައި ވަނީ ޑިޕާޗަރ ޓެކްސް ސިވިލް އޭވިއޭޝަން ފަންޑަށް ޖަމާކުރުން ބަޔާން ކުރާ މައްދާއަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ވައިގެ ބަނދަރަކުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ޑިޕާޗާ ޓެކްސްސްގެ ގޮތުގައި ނެގޭ ފީގެ ތެރެއިން ދެ ޑޮލަރު ޖަމާކުރަން ވާނީ ސިވިލް އޭވިއޭޝަން ފަންޑަށްކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

އޮތޯރިޓީގެ ނިންމުމެއް މުރާޖައާ ކުރަން ޖެހޭ ހާލަތުގައި، ނުވަތަ އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން ނިންމާކަމަކާއި މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުމެއް އަލުން ބަލައިދިނުން އެދި މިނިސްޓަރަށް ހުށަހެޅުމުގެ ހައްގު އެކަމެއް ރައްދުވާ ފަރާތަށް ލިބިގެންވާކަމަށް އިސްލާހު ވަނީ ހުށަހަޅާފަ އެވެ.

އިސްލާހުގައި ބުނެގައި ވާގޮތުން، މި ހުށަހެޅުންތައް ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަންވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: